ބޭބީ ބޮކްސް ދިނުމުގެ ވައުދު ފުއްދައިދޭނީ 2023ގައި- އެކްޝަން ޕްލޭން

އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށް ހަދިޔާ ފޮށި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ދުވަސްވަރުގައި ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ވައުދު ފުއްދައި ދިނުމަށެވެ. އެހެންނަމަވެސް އެކަން ފަސް ކުރަމުން ކުރަމުން ގޮސް، އެންމެ ފަހުން އެވައުދު ފުއްދާނެ އަހަރަކީ ރައީސް ސޯލިހުގެ ވެރިކަމުގެ މި ދައުރުގެ އެންމެ ފަހު އަހަރު ކަމަށް މިވަނީ ނިންމައިފައެވެ.

ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ފުއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެ ވެވަޑައިގެންނެވި އެއް ކަމަކީ އުފަންވާ ތުއްތު ކުދީންނަށް ހަދިޔާ ފޮށި ބެއްސެވުމެވެ. ނަމަވެސް އަދި މިހާތަނަށް އައި އިރު ވެސް އެވައުދު ފުއްދާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވީ، އެ ވައުދު ފުއްދުން ފެށޭ އަހަރަށް ފަސްކޮށްފައިވާ ކަމަށާއި އުފަންވާ ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސް ދިނުމަށް ފެށޭ އަހަރުގެ ބަޖެޓުގައި ޖަހަން ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތަށް އެކަން ނިންމީ މިހާރު ސަރުކާރުގެ ވައުދުތަކުގެ ތެރެއިން 87 އިން ސައްތަ ވައުދުތައް ފުއްދިފައިވުމުން ދެން ހުރި ވައުދުތައް އެންމެ ފުރިހަމައަށް ފުއްދުމަށް ކަމަށްވެސް އޭރު ހޫދު ވިދާޅުވިއެވެ.

އެވާހަކަ އާއެކު، އަންނަ އަހަރު ބޭބީ ބޮކްސް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދުކޮށްގެން ތިއްބައި ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ހާސިލު ކުރާނެ ލަނޑުދަނޑިތައް ހިމަނައިގެން އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭނގައި މިވަނީ ހިތާމަވެރި ހަބަރެކެވެ. އެއީ އެ ބުނާ ބޭބީ ބޮކްސް ލިބޭނީ ދެން އޮންނަ ރިޔާސީ އިންތިހާބު ބާއްވާ އަހަރު ކަމަށްވާ 2023 ގައިކަން އެނގުމެވެ.

ބޭބީ ބޮކްސްތައް ބެހުމުގެ ވައުދުވެސް އެންމެ ފަހުން މިވީ ވޯޓުލާ އަހަރު ކޮށްދޭނެ ކަމަކަށެވެ. އެކަންވެސް އެންމެ ފަހުން އެ ހެދީ އިންތިހާބާ ގުޅިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކޮށްދޭނެ ކަމަކަށެވެ. މިއީ ވެރިކަމުގެ އެންމެ ފުރަތަމަ 100 ދުވަހު ދޭނެ ކަމަށް ވިދާޅުވި ހަދިޔާއަށް ވީގޮތުގެ ވާހަކައެވެ. ދެން ހުރި ކަންކަމުގެ ހާލެއްވެސް ނޭނގެއެވެ.

ބޭބީ ބޮކްސް ގަނޑެއް ނުދެވިގެން އުޅޭއިރު، ރައީސް ސޯލިހު އަޅައިދޭނެ ކަމަށް ވިދާޅުވި ފަސް ޓާޝަރީ ހޮސްޕިޓަލާއި، 20،000 ފްލެޓުގެ ހުވަފެނުގައި ކުލަ ޖެހޭނެ ކަމާމެދު ރައްޔިތުން މިއަދު އެތިބީ ޝައްކެއްގެ މަތީގައެވެ. 2023 އައުމުން، އެކަންކަން ކޮށްދެވޭނީ ދެވަނަ ދައުރެއް ދިނީމައޭ ރައީސް ސޯލިހު ވިދާޅުނުވިއްޔާ ކިތަންމެހާވެސް ރަނގަޅު ކަމަށް ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ. އެރައްޔިތުންނަށް ހައްގު މިންވަރަކީ މިއީ ކަމާމެދު، މިއަދު އެ ރައްޔިތުން އެދަނީ ސުވާލު އުފައްދަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...