ހިދުމަތުގައި ބިޒީކޮށް އުޅުނު މަހާޖައްރާފު، މި ސަރުކާރުން ބާކީ ކޮށްފި

އެމްޓީސީސީގެ ކޮންނަ ބޯޓު މަހާ ޖައްރާފު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއަށް އުމްރާނީ ގޮތުން އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެއްވިއިރު، ތަރައްގީގެ މަޝްރޫއުތައް ހިންގާނެ މުހިންމު ވަސީލަތްތަކެއްވެސް ރާއްޖެއަށް ހޯދާދީފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ރާއްޖެއަށް ގެނައި އެންމެ މުހިންމު އެއް އުޅަނދަކީ "މަހާޖައްރާފު"އެވެ. އެހެންނަމަވެސް މި ސަރުކާރުގައި އެ އުޅަނދުވެފައި މިވަނީ ބޭނުމެއް ނުހިފޭ އުޅަނދަކަށް. މި ސަރުކާރުން މަހާ ޖައްރާފު ބާކީ ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ތަރައްގީގެ ބާނީ ކަމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިއްތިފާގުވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުން މީގެ ކުރިން ހުވަފެނުގައިވެސް ނުދެކޭ ކަންތައްތަކެއް ހަގީގަތަކަށް ހައްދަވައިދެއްވާފައެވެ.

ފައިމަގުގައި ކަނޑު ހުރަސް ކުރެވޭގޮތް ހައްދަވައި ދެއްވީ އެމަނިކުފާނެވެ. ބޭސް ފަރުވާ ހޯދަން ގައުމުން ބޭރަށް ދާންޖެހޭ ދިއުން ހުއްޓުވުމަށް 25 ފަންގިފިލާގެ ހޮސްޕިޓަލެއްވެސް އަޅުއްވައިދެއްވީ އެމަނިކުފާނެވެ. މި ދެންނެވި ކަންކަމުގެ އިތުރުން، ރައީސް ޔާމީން ދިވެހި ރައްޔިތުންނަށްޓަކައި ގެނެސްދެއްވި އެންމެ އަގުބޮޑު އެއް ހަދިޔާ އަކީ، ދިވެހިން ފަހުރެއް ކަމުގައި ދެކުނު މަހާ ޖައްރާފެެވެ.


އެ އުޅަނދު ބަދެފައިވަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ. "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ.

މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަނދުތަކުގެ ވެސް ސްޕެސިފިކޭޝަން އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު އެސެޓަކީވެސް ޒަމާނީ ކޮންނަ ބޯޓް މަހާޖައްރާފެވެ.

އެ އުޅަނދު އެމްޓީސީސީގެ މިލްކިއްޔާތަށް ގެންނަން 36 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ހަރަދުކޮށްފައެވެ. އަދި އެ ބުރަ ނޫފުލިގެން އިތުރު ފައިސާ ހޯދަން ކުންފުނިން ނުއަގުގައި ހިއްސާވެސް ވިއްކަން ޖެހުނެވެ. އެކިފަހަރަށް ދިގު ދަންމަމުން ގޮސް މަހާ ޖައްރާފު، ރާއްޖެ އައީ 2018 އަހަރުގެ އޮކްޓޯބަރު މަސް ތެރޭގަ އެވެ.

ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16 މީޓަރު ހުންނަ މަހާ ޖައްރާފު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ރައްޔިތުންނަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭން އެކި ކަންކޮޅުތަކަށް، އެއްވެސް ވަރުބަލިކަމެއް ނެތި ދަތުރުކޮށްފައެވެ. އެގޮތުން އޭރު އެންމެ ބާރަށް ދެކެވުނު އައިހެވަންގެ މަޝްރޫއާއި، ހދ. ކުޅުދުއްފުށި އެއަރޕޯޓުގެ މަޝްރޫއާއި ފުނަދޫ އެެއަރޕޯޓުގައި ހަޤީޤީ ކުލަ ޖައްސައިދިނީ ދިވެހީންގެ ފަހުރުވެރި މަހާޖައްރާފެވެ. ހއ. ހޯރަފުށީ ކައިރީ އޮންނަ މާފިނޮޅު އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށްވެސް ބޭނުންކުރި އުޅަނދަކީ މަހާޖައްރާފެވެ.

މި ދެންނެވި ހުރިހާ މަޝްރޫއުއަކީވެސް ރައީސް ޔާމީން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެތެރޭގައި ހިމެނޭ ޕްރޮޖެކްޓްތަކެއް ކަމަށްވާތީ އެއްވެސް މަޑުޖެހުމެއް ނެތި ބާރު ސްޕީޑުގައި މި ހުރިހާ ކަމެއްވެސް ދިޔައީ ހިނގަމުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މަހާ ޖައްރާފު ފެނިގެންދިޔައީ ވަަރަށް ބިޒީކޮށެވެ. އެ އުޅަނދު އަބަދުވެސް އުޅުނީ ރައްޔިތުންނަށްޓަކައި ބޮޑު މަޝްރޫއުއެއް ހިންގުމުގައި ވަރަށް އަވަދި ނެތިއެވެ.

އެހެންނަމަވެސް ވަރަށް ބިޒީކޮށް އަހަރެއްހާ ދުވަހު އުޅުމަށްފަހު، މިއަދު މަހާ ޖައްރާފު މިވަނީ މުޅިން ބާކީވެފައެވެ. އެ އުޅަނދު "މިސް"ވެގެން ދިވެހި ރައްޔިތުން މިއަދު އެވާހަކަ ދައްކަން ފަށައިފިއެވެ. އެ އުޅަނދަކީ ބޭނުން ނެތް އެއްޗަކަށް ސަރުކާރުން ހަދައިފިއެވެ.

މި ސަރުކާރުގައި ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުތައް މަޑު ޖެހި، މަހާޖައްރާފަށް ދެކެން ޖެހިފައިވަނީ ހަޔާތުގައިވެސް ކުރިމަތިވި އެންމެ ކަންނެތް ދުވަސްތައް ކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެެވެ. ކުރީ ސަރުކާރުން ގެނައި އުޅަނދަކަށް ވީތީ މި ސަރުކާރުން އެ އުޅަނދުގެ ބޭނުން ކުރަމުން ނުދާއިރު، ފެންނަމުން މިދަނީ މަހާ ޖައްރާފު ބޭނުންކޮށްގެން ހިންގިދާނެ މަޝްރޫއުތައްވެސް ރާއްޖެއިން ބޭރުގެ އެހެން ކުންފުނިތަކާ ހަވާލު ކުރަމުން އަންނަ މަންޒަރެވެ.

ކ. ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ޑެންމާކުގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ބިޑަކާ ނުލާ، ހަވާލުކުރިއިރު މަހާޖައްރާފު ކޮބައިތޯއެވެ؟ އެ މަސައްކަތް މަހާ ޖައްރާފަށް ނުކުރެވެންވީ ސަަބަބަކީ ކޮބައިތޯއެވެ؟ މިއަދު ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުންވެސް އެ ސުވާލު އެބަ އުފައްދައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ސައީދުވެސް ވަނީ ގުޅީފަޅު މަޝްރޫއު ބޮސްކާލިސްއާ ހަވާލު ކުރުމުން މަހާ ޖައްރާފު ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ. އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާވެސް އެ ސުވާލު އުފެއްދެވިއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ސަރަހައްދުގައި ނެތް ފެންވަރުގެ ޑްރެޖަރެއް ދިވެހި ދައުލަތުގެ ފައިސާއިން ގަނެ އެ ޑްރެޖަރު މަސައްކަތް ކުރަމުން ދަނިކޮށް 53 މިލިއަން ޑޮލަރަށް ގުޅީފަޅު ހިއްކުމުގެ މަޝްރޫއުު ނެދަލެންޑުގެ ކުންފުންޏަކާ ހަވާލު ކޮށްފައިވާއިރު، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލައިދޭން މުސްތަފާ ވަނީ ގޮވައިލައްވާފައެވެ. އެ މަޝްރޫއު ބޮސްކާލިސްއާ ހަވާލު ކުރީ ސިއްރު ޑީލްއެއްގެ ދަށުން ކަމަށްވެސް މުސްތަފާ ތުހުމަތު ކުރެއްވިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ސިއްރު އެއްބަސްވުމެއްގެ ދަށުން ބޮސްކާލިސްއަށް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކުރިއިރު، އެމްޓީސީސީއަށް އެކަން ނުވެސް އެނގެއެވެ. ކަންމިހެން އޮތްއިރު، ޒީރޯ ޓޮލަރެންސް ފޯ ކޮރަޕްޝަން ކަމަށް ސަރުކާރުން ބުންޏަސް، އެވާހަކަ ގަބޫލު ކުރަން ދިވެހި ރައްޔިތުންނަށް ވަރަށް ދައްޗެވެ. އަދި މަހާޖައްރާފު ފަދަ މުހިންމު ވަސީލަތްތަކުގެ ބޭނުން ނުހިފި، އެތަކެތި ވީރާނާ ވާން މިއަދުގެ ސަރުކާރުން ދޫކޮށްލުމަކީވެސް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...