އެމްޑީއެން އިން ދީނާ ދެކޮޅަށް ނެރުނު ރިޕޯޓުގެ ފައިދާ ނުނެގުމަށް ފުލުހުން އިލްތިމާސްކުރައްވައިފި

މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް މާތް ނަބިއްޔާ މުހައްމަދު (ޞއވ) އަށް ބަދުބަސް ރައްދުވާ ގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ނަގަމުންދާ ކަމަށާއި އެކަން ނުކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން ނެރުއްވި ބަޔާނުގައި ވަނީ ބައެއް ފަރާތްތަކުން އެ ރިޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ފިތުނަ ފަސާދައާ ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކާ ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ އާއްމު ތަންތަނުގައި މީހުންގެ ނަފުސާއި ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި އަދި އެހެނިހެންވެސް ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމު ކުރަމުންދާކަން ވެސް އެ މުއައްސަސާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއް ތަކުރާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެފަދައިން ކަންތައް ކުރުމަކީ ފުލުހުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ފުލުހުން ވަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ދީނީ އިލްމުވެރިން މެދުވެރިކޮށް އެމްޑީއެންގެ ރިޕޯޓް ބަލައި ތަހުގީގު ކުރަމުންދާ ކަމަށާއި އިލްމުވެރިން މެދުވެރިކޮށް ފަށާފައިވާ ދިރާސާ ނިމުނުހާ އަވަހަކަށް އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާނޫނާއި ހިލާފަށް ކުރާ އެންމެހައި ކަންކަން ހުއްޓުވާ ރައްޔިތުންގެ ނަފްސާއި މުދާ ރައްކާތެރިކުރުމުގައި ފުލުހުންގެ ދައުރު ފުރިހަމައަށް އަދާކުރުން މަތީ ސާބިތުވެ ދެމި ތިއްބަވާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ބަޔާނުގައި ވަނީ ދެއްވާފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...