ދީނުގެ ނަމުގައި ހަމަނުޖެހުުން އުފައްދަން ފުރުޞަތު ނުދިނުމަށް ނަޝީދު ގޮވާލައްވައިފި

ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު ފަރާތްތައް ދިފާއު ކުރުމަށްފަހު މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގައި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށް ފުރުސަތު ނުދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމްޑީއެންގެ މެމްބަރުންގެ ދިފާއުގައި ކުރިންވެސް ވާހަކަ ދައްކަވާފައިވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ދީނުގެ ނަމުގައި ކަމަށްބުނެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަވިދާޅުވެ، އަނެއްކާވެސް އެމްޑީއެން ދިފާއު ކުރައްވާފައެވެ. ނަޝީދުގެ ޓްވީޓުގައި ވަނީ، މީހުން މަރާށާއި އަނިޔާވެރި ކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައްވާފައެވެ.

ނަޝީދު މިފަދައިން ގޮވާލައްވާފައިވާއިރު ފުލުހުންގެ މުއައްސަސާއިން ވެސް ވަނީ މިފަދަ މޭރުމަކުން ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން ފުލުހުންގެ ބަޔާނުގައި ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާ ކަމަށާއި އެކަން ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ބައެއް ފަރާތްތަކުން އެ ރިޕޯޓުގެ ބޭނުން ނުހަމަގޮތުގައި ހިފައި، ފިތުނަ ފަސާދައާ ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކާ ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދާއި ފުލުހުން އެއް ފަދަޔަކުން ވިދާޅުވިއިރު އެމްޑީއެން އިން ދީނާއި ކީރިތި ރަސޫލާ އަށް ބަދުބަސް ރައްދުކޮށް އާންމުކޮށްފައިވާ ރިޕޯޓާއި ގުޅިގެން ރަށްރަށުގައި ދަނީ އެ ޖަމްއިއްޔާ އުވާލުމަށާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި އެ ޖަމްއިއްޔާއަށް ނިސްބަތްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެގޮތުން ބޭން އެންޑީއެމްގެ ނަމުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ދަނީ އިހުތިޖާޖުތައް ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...