ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަގުތަކާއި ގައުމުތައް ހާމަކޮށްފި

ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކާއި އެތަކެތި އެތެރެވެގެން އަންނަ މަގުތައް އަންގައިދޭ ޗާޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކޮށްފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ޗާޓުގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ކަނޑާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގޮތްތަކެވެ. އެގޮތުން ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި ގެންނަ 21 ގައުމެއް ކަސްޓަމްސްގެ ޗާޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމްސް އިން އާންމުކުރި ޗާޓުގައި އޭޝިއާގެ 11 ގައުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، މެލޭޝިއާ، ތައިލެންޑް، ގަތަރު، އީރާން، ޔޫއޭއީ، ކަޒިގިސްތާން އަދި އުޒްބެކިސްތާނެވެ.

މީގެ އިތުރުން ކަސްޓަމްސް އިން އާންމުކުރި ޗާޓުގައި ޔޫރަޕުގެ ފަސް ގައުމަކާއި، އެފްރިކާ ސަރަހައްދުގެ އަދި އެމެރިކާ ބައްރުގެ ބައެއް ގައުމުތަކުންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނެދަލޭންޑްސް، ޖަރުމަން، އިނގިރޭސިވިލާތް، ސްޕެއިން، ބެލްޖިއަމް، އިތިއޯޕިއާ، ބެނިން، ޓޯގޯ، ބްރެޒިލް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ ހިމެނެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް ހިނގާ ތަންތަނުގައި މަސްތުވާތަކެތީގެ މުއާމަލާތްތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށާއި އެއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މި އަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ހަމަ އެއާއެކު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...