އެމްޑީއެން ރިޕޯޓް މައްސަލައިގައި ހިމެނޭ އަޒްރާގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އާންމުކުރި ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ގުރުއާން އަދި ރަސޫލާއަށް ފުރައްސާރަކޮށް، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އަންހެނަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފޮޓޯއާއި ވަނަވަރު އާންމުކޮށް ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ ހ. ސެލްވޭޝަން އުމުރުން 47 އަހަރުގެ ފާތިމަތު އަޒްރާ ނަސީމް، އައިޑީ ކާޑު ނަމްބަރ A035254އެވެ. އޭނާ ހޯދަމުން ދަނީ އެމްޑީއެން އިން އާންމުކުރި ރިޕޯޓުގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭތީ ސުވާލު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވުމާއި އަދި އިއުލާނުކޮށްދިނުމަށް އެދިފައިވާތީ، ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޒިރުވުމަށް އަންގައި އިޢުލާނު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވާ ފާތިމަތު އަޒްރާ ނަސީމް އަށް އަންނަ ނޮވެމްބަރު މަހުގެ 05 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާ ބޮޑު ތަކުރުފާނު މަގުގައި ހުންނަ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުންވަނީ އަންގާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...