އެމްޑީއެން މައްސަލަ ތަހުޤީގުކޮށް ނިމެންދެން ސީޕީ ހަމީދު ވަގުތީގޮތުން މަގާމުން ދުރަށްދާންޖެހޭ: އުމަރު

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓްގެ ތަހުޤީގު ފުލުހުން ނިމެންދެން، އެ ޖަމްއިއްޔާގެ ކުރިން މަސައްކަތްކުރެއްވި އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަގުތީ ގޮތުން މަގާމާ ދުރަށް ޖެހިވަޑައިގަންނަވަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެގޮތުން އިއްޔެ އެމްޑީއެންގައި މަސައްކަތް ކުރައްވަވާފައި މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން ހުރުމަކީ މަސްލަހަތަށް ފުށޫ އެރުން ކަމަށާއި، އަދި އެމްޑީއެން މައްސަލައާއި ގުޅިގެން ސީޕީ ހަމީދުއާ ވެސް ސުވާލުކުރައްވަން ޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަދި މީގެ ކުރިންވެސް މިނިސްޓަރުންގެ މައްޗަށް ތަހުޤީގުތަކެއް ކުރެވި ގޭގައި މަޑުކުރަން އަންގާފައިވާކަން ފާހަގަކޮށް އުމަރު ވިދާޅުވީ އެފަދައިން ސީޕީ ހަމިދުއާއި ދޭތެރޭވެސް ފިޔަވަޅު އެޅެންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަރިސް ބޭފުޅުންނާ އަދި އަރިސް ނޫން ބޭފުޅުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް އިންސާފުވެރިކަމާއި އެކީ ކަންތައް ނިންމަވާނެ ކަމަށް ގަބޫލުކުރާ ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.

އެމްޑީއެން މައްސަލައާ ގުޅޭގޮތުން، ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނާ ހަމީދު އަދާ ކުރައްވާފައި ނުވާ ކަމަށާ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަމްއިއްޔާގައި މަސައްކަތް ކުރައްވާފައި ވެސް ނުވާ ކަމަށެވެ.

އަދި މިހާރު ތަހުގީގު ހިނގަމުންދާ އެމްޑީއެން ރިޕޯޓްގެ އެއްވެސް މަސައްކަތެއްގައި ވެސް ހަމީދު ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި އެމްޑީއެން އިން ނެރުނު ރިޕޯޓްގައި މައްސަލަ ތަހުގީގު ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދާއި ފުލުހުން ވެސް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން އެފަދައިން ވިދާޅުވިތާ ދެ ހަފްތާވާން ކައިރިވެފައިވާ އިރުވެސް އެމްޑީއެން ފަރާތްތައް އުޅެމުންދަނީ މިނިވަންކަމާއި އެކުގައެވެ. އަދި އެމްޑީއެން އުވާލުމަށް ރައްޔިތުން އަޑުއުފުލަމުން ދާއިރުވެސް ސަރުކާރާއި އިސްލާމިކް މިނިސްޓްރީންވެސް އެމްޑީއެންއާއި މެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...