އެމްޑީއެން އުވާލުމަށް އެދި ގޮވާލުމުގެ އަޑު ދެން ދާނީ ގަދަވަމުން: ޒައިދު

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެ ޖަމިއްޔާ އަދިވެސް އުވާ ނުލާތީ ޝައިހު މުހައްމަދު ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީއެންއެ ރިޕޯޓާ ގުޅިގެން އެ ޖަމްއިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާ އުވާލަން ބައެއް އިލްމުވެރިންނާއި ކައުންސިލްތަކުން ވެސް ސަރުކާރަށް ގޮވާލަމުން އަންނައިރު، ޒައިދު ވިދާޅުވީ އެމްޑީއެން އުވާލުމަށް އެދި ގޮވާލުމުގެ އަޑު ދެން ދާނީ ގަދަވަމުން ކަމަށާއި އެ އަޑު ދެން ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ރައްޔިތުންގެ އަޑު އިވެނީ ހަމައެކަނި އިންތިހާބުގެ ދުވަސްވަރު ކަމަށާއި އެއީ ހިތި ހަގީގަތެއް ކަމަށެވެ.

އެމްޑީއެނާ މެދު އާ އަދި އެ ރިޕޯޓު ނެރުމުގައި އިސްވެ ތިބި އެ ޖަމްއިއްޔާގެ އިސްވެރިންނާ މެދު ފިޔަވަޅު ނާޅާ ލަސްވަމުން ދާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެންއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވެސް ސަރުކާރަށް ގޮވާލަމުންދާއިރު، އަދި މިހާ ތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޑީއެނުން ނެރުނު ރިޕޯޓުގައި، އިސްލާމު ދީނަށާ މާތް ނަބިއްޔާ މުހައްމަދު ރަސޫލުﷲ ޞައްލައްﷲ އަލައިހި ވައްސަލަމްއަށް ފުރައްސާރަކޮށް ހަޖޫ ޖަހާފައެވެ. އަދި ޤުރުއާނަކީ ފްލޯކު ވާހަކައެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...