ސީޕީ ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ބުނެފި

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މަގާމެއްގައި މަސައްކަތް ކުރައްވާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

އެމްޑީއެންގެ ޑެޕިއުޓީ ޗެއާގެ ހައިސިއްޔަތުން އިންޑިއާގައި އެޖަމިއްޔާ ތަމްސީލު ކުރައްވައި ސީޕީ ހަމީދު ވާހަކަ ދައްކަވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ފުލުހުން ކުރި ޓްވީޓެއްގައި ވަނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ސީޕީ ހަމީދު އެމްޑީއެންގެ އިސް ސަފުގައި މަސައްކަތް ކުރެއްވިކަން ކަށަވަރު ކޮށްދީފައެވެ. އެ ޓްވީޓުގައި ވަނީ ސީޕީ ހަމީދަކީ މިހާރު އެޖަމިއްޔާގެ މެމްބަރެއް ނޫން ކަމަށާއި، އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ ތަހުގީގުގައިވެސް ސީޕީ ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.

ޓެކްލިން އިންސަރޖެންޓު އައިޑިއޮލޮޖީސްގެ ނަމުގައި މިދިޔަ އަހަރު ބޭއްވި ކޮންފަރެންސްގައި އެމްޑީއެންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވެފައިވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމުގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އޮތް ކަމަށެވެ. އަދިި އަލްގައިދާ ފަދަ ޓެރަރިޒަމް ޖަމާއަތްތަކަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.

ސީޕީ މުހައްމަދު ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވީ ކުޑަ ދުވަސްކޮޅެއްގައި ކަމަށް ފުލުހުން ބުނެފައިވާއިރު، އެއީ ކޮން ދުވަސްކޮޅެއް ކަމެއް ފުލުހުން ނުބުނޭ. އެ ޓްވީޓަށް ކޮމެންޓު ކުރި ބައެއް މީހުން ބުނީ ސީޕީ އެމްޑީއެންގައި މަސައްކަތް ކުރެއްވިކަން ފުލުހުން ޔަގީން ކޮށްދިންއިރު، އެމްޑީއެންގެ ރިޕޯޓު ނެރުނު ދުވަސްވަރުވެސް ސީޕީ ހުންނެވީ އެމަގާމުގައި ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިޔޯއިން ފެންނަނީ މިދިޔަ އަހަރު އިންޑިއާގެ އޮބްޒާރވާ ރިސާޗު ފައުންޑޭޝަނުން ބޭއްވި ކޮންފަރެންސެއްގައި އެމްޑީއެންގެ ޗެއަރމަންގެ ނައިބުގެ ހައިސިއްޔަތުން މިހާރުގެ ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާ މަންޒަރެވެ.

މިވީޑިއޯ އާންމުވުމާއެކު އެމްޑީއެންގެ މައްސަލަ ބަލަމުން އަންނަ ފުލުހުންގެ މުއައްސަސާގެ ވެރިއަކަށް ހުރީ އެމްޑީއެންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި، ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ތައްޔާރު ކުރުމުގައި ސީޕީގެ ދައުރު އޮތުމަކީ ގާތް ކަމެއް ކަަމަށް ބުނެ ގިނަ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...