މަޝްރޫއު ހިންގަން ފައިސާ ނެތަސް ވެރީންނަށް ބޮޑު މުސާރަ ދޭން ފައިސާ އެބަހުރި!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ފޮނި ހުވަފެންތަކެއް ދެއްކެވުމެއް ފަހުގައެވެ. އެހެންނަމަވެސް މިއަދު ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ދެއްކެވި ހުވަފެންތަކުގައި ކުލަ ޖައްސަން ބޭނުންވާ ފައިސާއެއް ނެތް ކަަމަށެވެ. އެކަމަށް ބޭނުންވާ ބަޖެޓެއްވެސް ނެތް ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ކޯލިޝަނުގެ ބައިވެރިންނަށް އިސް މަގާމުތައް ދެއްވައި، ބޮޑެތި މުސާރަތައް ދެއްވަން ޖެހުމުން، އެ ބަޖެޓުގައި ފައިސާ ނެތެވެ. 

މިއަހަރަށް ލަފާކޮށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މި ސަރުކާރުގެ ފުރިހަމަ އަޣްލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެގެން ވެރިކަމާ ހަވާލުވި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނި ކަންކަމުގެ ލިސްޓު އޮތްގޮތަށް އޮއްވައި އެ ބޮޑު ބަޖެޓުވެސް ހުސްވެގެން ދިޔައީއެވެ. ވީނުވީއެއްވެސް ދިވެހި ރައްޔިތުންނަކަށް ނޭނގުނެވެ.

އެނގޭހާވެސް އެއްޗަކީ އެ ބަޖެޓު ހުސްވެގެން ދިޔައީ ރައްޔިތުންނަށް މަންފާއެއް ލިބޭ މާބޮޑު ކަމެއް ނުކޮށްދެވި ކަމެވެ. އަދި ސަރުކާރުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އެކި މައްސަލަތަކުގައި، ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ކަމަށް ބުނެ، އެތައް ފައިސާއެއް ރައްޔިތުންގެ ބަޖެޓުން ހަރަދު ކުރި ކަމެވެ. 30 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވުމުން މިދިޔަ އޯގަސްޓްމަހުގެ ފަހުކޮޅު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުންވެސް ހޭދަ ކުރަމުން މިދަނީ ސަރުކާރުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބަދަލު ދިނުމާއި، ކޯލިޝަންގެ ވެރީންނަށް ބޮޑެތި މަގާމުތަކާއި މުސާރަ ދިނުމަށެވެ. ކަން އޮތީ މިހެން ކަމަށްވުމާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ފަދައިން ރައްޔިތުން މިއަދު ގޮވަމުން ދަނީ ބަޖެޓު ނެތް ވާހަކައެވެ. "ބަޖެޓު ނެތޭ ބަޖެޓު ނެތޭ" ކިޔަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ރައްޔިތުންނަށް މަޝްރޫއުއެއް ހިންގަން ޖެހުމުން ބަޖެޓުގައި ފައިސާއެއް ނެތަސް، ސަރުކާރުގެ އަމިއްލަ މަސްލަހަތަށް ހަރަދު ކުރާނެ ފައިސާ އެބަހުއްޓެވެ. އޭގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. މި ސަރުކާރުގެ ކެބިނެޓުގައި 20 ބޭފުޅުން އެބަތިއްބެވިއެވެ. އެއިން ކޮންމެ ބޭފުޅަކަށް މަހު މުސާރައިގެ ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 62،000 ރުފިޔާ ހަރަދު ކުރެއެވެ. އެހެންކަމުން، ކެބިނެޓް މެމްބަރުންގެ މުސާރައަށް ސަރުކާރުން އެއް މިލިއަން ދެލައްކަ ސާޅީސް ހާސް ރުފިޔާ އެބަ ހަރަދު ކުރެއެވެ. ރައްޔިތުންގެ ގައިން ދާ އޮހޮރުވައިގެން ކުރާ މަސައްކަތުން ހޯދާ ފައިސާއިން ކުރާ ހޭދައިން ޓެކްސް ނަގައިގެން ކެބިނެޓްގެ ބޭފުޅުންނަށް މާ ރަނގަޅަށްވެސް އެބަ ހަރަދު ކުރޭ ނޫންތޯއެވެ؟ ކެބިނެޓްގެ އިތުރުން މި ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ ނުވަ ބޭފުޅުން ތިއްބަވައެވެ. އެބޭފުޅުންގެ މުސާރައަކީވެސް، އެލަވަންސްތަކާއެކު 62،000 ރުފިޔާއެވެ.

އެހެންކަމުން މިނިސްޓަރު ފެންވަރުގެ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި އެއްމިލިއަން ހަތްލައްކަ ނުވަދިހައަށްހާސް ރުފިޔާ އެބަ ހަރަދު ކުރެއެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ 51 ބޭފުޅުން ތިއްބެވިއިރު އެބޭފުޅުންނަށް މަހަކު 45،000 ރުފިޔާ ލިބެއެވެ. އެއީ ދެމިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ރުފިޔާއެވެ. އަދި ނިމުނީކީއެއް ނޫނެވެ. މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ 73 ބޭފުޅުން ތިއްބެވިއިރު، އެއިން ކޮންމެ ބޭފުޅަކަށް 30،000 ރުފިޔާ ލިބެއެވެ. އެއީ ދެމިލިއަން އެއްލައްކަ ނުވަދިހަ ހާސް ރުފިޔާއެވެ. އެހެންކަމުން މި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނަށް މުސާރަ ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ހަމިލިއަން ދެލައްކަ އަށްޑިހަ ތިންހާސް ރުފިޔާ ހަރަދު ކުރެއެވެ. އަދި މި ދަންނަވާލީ މި ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން މުސާރަ ދިނުމަށް ކުރާ ހަރަދު އެކަންޏެވެ. އެކި އެކި ކޮމިޝަންތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ މުސާރައިގެ ވާހަކަ އަދި އޮތީއެވެ.


ޕީޕީއެމްއާ ޕީއެންސީން ކ.ހިންމަފުއްޓަށް ކުރި ދަތުރުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވަނީ ބަޖެޓު ހުސްވާ ބައެއް ސަބަބުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި އެއް ކަމަކީ މުސާރަ ދީ ދީ ބަޖެޓު ހުސްކުރާ ވާހަކައެވެ. މަޝްރޫއެއް ހިންގަން ފައިސާ ނެތް ކަމަށާއި، އެފައިސާ ހޯދާނެ ގޮތެއްވެސް ސަރުކާރަށް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިތުރުން އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށްވެސް ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް މަންފާ ހުރި ކަންކަމަށް ހޭދަ ނުކުރާ މައްސަލަ ވަނީ ބޮޑު މައްސަލައަކަށެވެ. ޗެނަލް13އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސަރުކާރަށް އަހަރެއް ނުވަނީސް ދައުލަތުގެ ރިޒާވް ހުސްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރުވެސް ދަށްވަމުން އަންކަން ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މަތިބަރު ސަރުކާރެއް ނުގެންނާނެ ކަމަށް ވައުދުވެ އައި ސަރުކާރުން، ގިނަ ބަޔަކަށް ބޮޑެތި މަގާމުތަކެއް ދީ، ރައްޔިތުންގެ ކަންކަމަށް ހަރަދު ކުރަން ހުރި ފައިސާ ހުސް ކުރަމުން އަންނަ ކަމަށެވެ.

މި ސަރުކާރުން ދައުލަތުގެ ބަޖެޓު ހުސްކުރަމުން އަންނައިރު، 2023ގެ ނިޔަލަށް ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ކޮށްދޭނެ ކަމަށް ލިޔެފައިވާ ކަންކަން ފުއްދައި ދޭނެ ކަމާމެދު ރައްޔިތުންގެ ހިތްތަކުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ. 30 ބިލިއަން ރުފިޔާގެ ބަޖެޓެއް އަހަރު ނުވަނީސް ހުސްކޮށްލި ސަރުކާރަކަށް 20،000 ހައުސިން ޔުނިޓް 2023ގެ ނިޔަލަށް އަޅައިދެވިދާނެ ކަމާމެދު ރައްޔިތުން ޝައްކު ކުރެއެވެ. އަދި އަޅައިދޭނެ ކަމަށް ވައުދުވި ފަސް ޓާޝަރީ ހޮސްޕިޓަލަށްވެސް ވާނެ ގޮތެއް ނޭނގޭ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ރައީސް ސޯލިހު ވިދާޅުވީ އެ ޕްލޭންގައި ވާކަންކަން ކުރޭތޯ ބެލުމަށް ނޫސްވެރިންނާ ރައްޔިތުންނަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި ފާހަގަ ޖަހައިގެން އެކަންކަން ކުރޭތޯ ބެލުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއިރު، ރައްޔިތުން މިހާރުވެސް ތިބީ އެކަމަށް ލޯ ހުޅުވައިގެންނެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...