ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަަދަ ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފްއިން ދޮގެއް ނުކުރި

ކުރީގެ ރައީސް މުހައްމަދު ނަޝީދު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުން އަންނަ ހަބަރުތައް ދޮގު ކުރަން ގައުމީ ދިފާއީ ބާރުން ދެކޮޅު ހަދައިފިއެވެ.

ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ލައިވް ވަޒަން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ރޭ ވަނީ ހަބަރު ފަތުރަން ފަށާފައެެވެ. އަދި ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ އެމަނިކުފާނު އެކަމަށް އެދިވަޑައިގަތުމުން ކަމަށްވެސް މީސްމީޑިއާގައި ދައުރު ވަމުން އަންނަ މެސެޖުގައިވެއެވެ.

ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފައިވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އެމްއެންޑީފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް، އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ވިދާޅުވީ ވީއައިޕީ ސެކިއުރިޓީއާ ގުޅޭ މައުލޫމާތަކީ ސިއްރު މައުލޫމާތު ކަމަށެވެ.


އެހެން ކަމުން ވީއައިޕީންގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ނުދެވޭނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ލެވެލްގެ ކަންކަމާ ގުޅޭ ގޮތުންވެސް މައުލުމާތު ނުދެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމުގެ ހަބަރު ފެތުރެމުން އަންނައިރު، މީގެ ކުރިން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއިން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ވަނީ ބަޔާނެއް ނެރެ، ނަޝީދު ދެއްކެވި ވާހަކަތައް ދޮގު ކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ސެކިޔުރިޓީ ބެލެހެއްޓުން ގާނޫނީގޮތުން ލާޒިމް ފަރާތްތަކުގެ ސެކިޔުރިޓީ އާ ގުޅޭގޮތުން ފުލުހުންނާ ގުޅިގެން މަސައްކަތްކުރަންޖެހޭ ހާލަތްތައް އަންނަ ކަމަށެވެ. އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ނަޝީދު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ. މިދުވަސްވަރު ރައީސް ނަޝީދު ގެންދަވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެންއިން އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...