ވަޅު ޖެހެމުން އަންނަ އިޤްތިޞާދު ނަގާ ކޮޅަށް ޖަހާނެ ޤާބިލު ސަރުކާރެއް އެބަ އޮތްބާ؟

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ދިޔައީ ހަލުވި ސްޕީޑުގައި ކުރިއަރަމުންނެވެ. ނަމަވެސް މިހާރު މި ޤައުމަކީ މުޅި ދެކުނު އޭޝިއާ ގައި ވެސް އެންމެ ބޮޑަށް އިގްތިސާދު ދަށަށް ގޮސްފައިވާ ދެވަނަ ޤައުމެވެ.

މިއީ ދިވެހިންގެ ތަރައްޤިއަށް ހުރަސް އެޅިގެންދާނެ ކަންބޮޑުވާން ޖެހޭ ކަމެއް. ނަމަވެސް މިކަމާ ވިސާނާބަޔަކު ޤައުމުގެ ވެރިންގެ ގޮތިގައި އެބަ ތިބި ބާ؟

ވޯލްޑް ބޭންކުން، ސައުތު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ރާއްޖޭ ހިމެނެނީ މި ސަރަހައްދުންވެސް އިގްތިސާދީ ދުވެލި އެންމެ މަޑުޖެހިފައިވާ ދެވަނަ ގައުމުގެ ތެރޭގައެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 6.8 ޕަސެންޓަށް ކުރިއަރާފައިވެއެވެ. އެހެން ކަމުން މިއީ 1.6 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖޭގެ އިގްތިސާދު މިހާ ބޮޑަށް ދަށްވެގެން ދިޔައީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ރާއްޖޭގައި ކުރަމުން ގޮސް، ކުއްލިއަކަށް އެފަދަ އެއްވެސް މަޝްރޫއުއެއް މި ޤައުމުގައި ފެށިފައި ނުވުމުގެ ސަބަބުންނެވެ.

ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔަ ވާހަކަ ތަކަކީ އެއްވެސް ފަރާތަކަށް ދޮގުކުރެވޭނެ ވާހަކަތަކެއް ނޫނެވެ.

އެގޮތުން އެންމެ އުތުރުގައިވާ ހއ.ތުރާކުނުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގެ ހިތަދޫއާ ދެމެދަށް ނަޒަރު ހިންގާލި ނަމަވެސް ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ނުގެންދާ ހަމަ އެންމެ އަތޮޅެއް އަދި އެންމެ ރަށެއްވެސް ނެތެކޭ ނުދެންނެވޭނެއެވެ.

ނަމަވެސް 5 އަހަރުގެ ތެރޭ ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫއުތައް ހުއްޓި ތަރައްގީގެ ދުވެލި މަޑުޖެހި އިގްތިޞާދީ ގޮތުން މިހާރު ގައުމަށް ވަނީ ހީނަރުކަން އައިސްފައެވެ. ޤައުމުގެ އިޤްތިޞާދު ދަށްވެ މިވަނީ އަދަވަޅަކަށް ވެއްޓިފައެވެ.

ނަމަވެސް މިއިން ކަމަކާ މެދު ވިސްނާ ވެރިޔަކު ޤައުމުގައި އެބަހުރި ބާއެވެ؟ ޤައުމުގެ ވެރިން ތިއްބެވީ އަމިއްލަ ކަންކަމުގައި އާޝޯޚުވެފައެވެ.

ކޮންމެ އަކަސް ޤައުމުގެ އިޤްތިޞާދު އައިސީޔޫގައި އޮތް އިރު މި ޤައުމުގެ އިޤތިޞާދު ކުރިއަރުވަން މި ސަރުކާރުން ކުރެވުނީ ކޮން ކަމެއްތޯ ބަލާލުން މުހިއްމު ކަމަށް ދެކިލަމެވެ. އާދެ ބިޔަ ބޮޑެތި ޕްރޮޖެތުތައް ހިންގާފައި ހުރީމާ އެކަން ކަމަށް ބަލާ ނުލާ ރިޕޯޓު ކުރިއަށް ނުގެންދެވޭނެތީއެވެ.

އެގޮތުން ބަލާއިރު، އަމީރު އަހުމަދު މަގު ބަނޑޭރި ކޮއްޓާ އިސްލާމީ މަރުކަޒަގެ އުތުރުން ހުޅުވާލުމާ، ބްރިޖު މަތީ ދުއްވާފައި ދާއިރު، ހެލްމެޓު އެޅުން މަޖުބޫރު ކުރުމާ، ރަސް ރަނި ބަގީޗާގެ ނަން ބަދަލު ކުރުމާ، މެރިން ރިސާޗް ސެންޓާރުގެ ނަން ބަދަލުކުރުމާ، ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލު ކުރުމާ، މާލޭގެ މަގުތައް މަތީ ހުރި ސްޕީޑު ބްރޭކަރ ތަކާ ކަފިހި ހުރަސް ތަކުގެ ކުލަ ބަދަލު ކުރުމާ، ބްރިޖު މަތީ ހުރި ސްޕީޑު ބަމްޕަރުތައް ނެގުމާ، އަޑި ޕާކުގައި ފެން ފޯއް ރުއްތަކެއް އިންދުމާ، ކަލު ވަކަރު މިސްކިތް އަލުން ބައްޓަން މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މިއިން ކޮންމެ ކަމަކަށް ގާތް ގަޑަކަށް 200 މިލިއަން ޑޮލަރު އަރައެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ ގުޅުން އޮތް ކުންފުނިތަކަކަށް ބޮޑެތި އަދަދުން ބަދަލު ދިނުމަކީވެސް މި ސަރުކާރުން ހިންގާފައިވާ ބޮޑު ބިޔަ ޕްރޮޖެޓެކެވެ.

އެގޮތުން ސަރުކާރުން ބަދަލުދީފައިވާ ކުންފުނިތަކުގެ ތެރޭގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙަސަން އިސްމާޢީލުގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގުރޫޕް ބިގް ހިމެނެއެވެ. އެ ގުރޫޕަށް 78 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތުން ދީފައިވެއެވެ.

އަދި އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ އިބްރާހިމު އިސްމާއިލުގެ މަންދު ކޮލެޖުގެ އަތުން ކުރީ ސަރުކާރުން އެމްއީއެސް ކުރިން ހިންގި ޢިމާރާތް އަތުލާފައިވުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި، 50 މިލިއަން ރުފިޔާ ދައުލަތުން ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު ދީފައިވެއެވެ. ނޫމަޑިއަށް ބަދަލުގެ ގޮތުގައި ފައިސާ ދިނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ޚާއްސަ އޮޑިޓެއްވެސް ކުރަމުން ދަނިކޮށެވެ.

މީގެ އިތުރުން ސީޖީޓީ ކުންފުންޏަށްވެސް 22 މިލިއަން ރުފިޔާ ދީފައިވެއެވެ. މީގެ އިތުރުން ނެކްސްބިޒުއަށް 276 މިލިއަން ރުފިޔާ ދީފައިވާއިރު، ދީބާޖާއަށް ބަދަލު ގޮތުގައި 348 މިލިއަން ރުފިޔާ މި ސަރުކާރުންވަނީ ދީފައެވެ.

މިއީ މި ސަރުކާރުން ހިންގި ބިޔަ ބޮޑެތި ޕްރޮޖެޓުތަކެވެ. ނަމަވެސް މިއިން ކަމަކުން ދިވެހި ރައްޔިތުންނަށާ ޤައުމުގެ އިޤްތިޞާދަށް ކުރި ފައިދާއެއް އެބަ އޮތް ބާއެވެ؟


ރާއްޖޭގެ އިޤްތިޞާދު ނޭވާ ހޮޅިއަށް އެޅި ވެންތިލޭޓާރުގެ އެހީގައި ނޭވާ ލަމުންދާއިރު، މި ކަން ރޭކާލީ ވެރިއަކު ނުވަތަ ވަޒީރަކު އެބަހުރިބާއެވެ؟ ކުޑަމިނުން އިޤްތިޞާދުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިކޮނޮމިކް މިނިސްޓަރުވެސް މިކަމާ ކަންބޮޑުވާ މަންޒަރެއް ނުފެނެއެވެ.

ހަވާލުކުރެވިފައިވާ ދާއިރާގެ ޒިންމާ އަދާ ނުކުރެއްވާ ވަރު ފެނި ޙާމަވެގެންދާން ފެށުމުން ދެން ކުށްވެރި ކުރެއްވީ އިންޑިޔާއެވެ. ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް އެކަށީގެންވާ ވަރުގެ ރަނގަޅު އިންވެސްޓްމަންޓެއް އެ ގައުމުން ރާއްޖެއަށް ނާންނަކަމަށެވެ.

އަދި މިކަމުގެ ތެރެއިން އެއްކަލަ ކުރީ ސަރުކާރު ނެއްޓިގެނެއްވެސް ނުދެއެވެ. އިޤްތިޞާދު ވަރަށް ބަލި ޙާލުގައި އޮތްއިރު، އިކޮނޮމިކު މިނިސްޓަރުގެ އަވައްޓެރިޔާގެ މަސައްކަތަކީ ނެތް ފައިސާއިންވެސް ވަރު ވަރުން ފުރައިގެން ކަރަ ކަރައަށް ދިއުމެވެ.

އެހީ ހޯދުމުގެ ނަމުގައެވެ. ނަމަވެސް ރާއްޖެއަށް ވަތް ފައިސާއެއް ހަތް ހަރާމުން ހަރާމެވެ. ފިނޭންސް މިނިސްޓަރުގެ ވާހަކައެއް ބޮކި އަލިވާ ހިސާބުގަވެސް ދެއްކޭކަށް ނެތެވެ. އަމިއްލަ ޖީބަށް ބަރު ކުރުން ނޫން ކަމެއް އަމީރަކަށް ނުކުރެވެއެވެ.

ކޮންމެ އަކަސް 2008 ވަނަ އަހަރުން ފެށިގެން ވަޅު ޖެހިފައި އޮތް އިޤްތިޞާދު ނަގާ ކޮޅަށް ޖައްސަވާދެއްވި 21 ވަނަ ގަރުނުގައި މި ދިވެހިރާއްޖޭ ދުށް އެންމެ ހިންގުންތެރި ވެރިޔާ އިކޮނޮމިސްޓު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔުމެވެ.

2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް މި ޤައުމުގެ އިޤްތިޞާދަށް އައި ބަހާރު މޫސުމް ޚަރީފު މޫސުމަކަށް ބަދަލުވެ، އިޤްތިޞާދު ހިކި އަނަރޫފަވެއްޖެއެވެ.

ފެންފޮދެއް ނިލިބި ހަނަފސް ކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މިވީ އަދި އެންމެ އަހަރެކެވެ. ހީނަރުވެފައިވާ އިޤްތިޞާދުގެ ދުވެލި ބާރު ކުރެވިދާނެ ބާއެވެ؟

ވަޅު ޖެހެމުން އަންނަ އިޤްތިޞާދު ނަގާ ކޮޅަށް ޖަހާނެ ޤާބިލު ސަރުކާރެއް މިއަދު އެބަ އޮތްބާ؟ މިކަމާ ދޭތެރޭ ވިސްނަނީ ތިޔައިގެ ތެރއިން ކިތައް ބޭފުޅުންބާއެވެ؟


 


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...