އިސްލާހުކުރުމުގެ ނަމުގައި ސަރުކާރުން ދަނީ ޖުޑިޝިއަރީ ތެރެއަށް އަތްބާނަމުން: ސައީދު

ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުުމުގެ ނަމުގައި ސަރުކާރުން ޖުޑިޝަރީގެ ތެެރެއަށް އަތްބާނާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަދައްކަވަމުންނެވެ. ސައީދު ވިދާޅުވީ ޖުޑިޝަރީ ތެރެއަށް ސަރުކާރުން އަތް ބާނަމުން ދާކަމަށާއި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ބަޔާނުގައި ފަނޑިޔާރުންގެ އިހްތިސާސްގެ ތެރެއަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެދެފައިވާކަމަށް ވިދާޅުވެފައި ވުމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވި ސައީދު ވިދާޅުވީ، ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ބާރުތައް ވަކިކޮށް ޖުޑިޝަރީ އަދި ގާނޫނު ހެދުމަކީ ވަކި ބާރެއް ކަމުގައި ކަނޑައަޅައިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޖެންޑާ 19 ގެ ތެރެއިން ޖުޑިޝަރީ އިސްލާހު ކުރުމަށް ވަހަކަދައްކަވަމުން ދާކަމަށެވެ.

އެގޮތުން ވަކިވަކި ފަނޑިޔާރުންނަށް ގުޅައި ވަކި ގޮތަކަށް ޖުޑިޝަރީގެ ތެރެއަަށް ވަންނަން މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ސުޖާއު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މި ސަގާފަތް ކުރިއަށް ނެރުއްވާކަމަށެވެ.

މީގެ އިތުރުން ސަރުކާރެއްގެ އަމާޒަކަށް ވާން ވާނީ އެފަދަ ކަން ކުރެއްވުން ނޫން ކަން ފާހަގަކުރައްވާ ސައީދު ވަނީ، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުޑިޝަރީ އޮތީ ވަކި ބާރެއް ކަމުގައިކަމަށް ވިދާޅުވެފައެވެ.

އަދި ޖުޑިޝަރީގެ ކޮންމެ ނިންމުމަކަށް އޭރުގެ ސަރުކާރު އޮތްއިރުވެސް އަދި ފަހުންވެސް ޕީޕީއެމްއިން އިހްތިރާމް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވަނީ އެމްޑީޕީއާ ވެރިކަން ހަވާލުވާ ކޮންމެ ފަހަރަކުވެސް ޖުޑިޝަރީއަށް ބާރު ހިންގާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...