ނުރައްކާތެރި ކެމިކަލް އެތެރެ ކުރުން ހުއްޓުވާފައި އޮތުމަށް ފަހު އެތެރެ ކުރަން އަލުން ހުއްދަ ދީފި

މިދިޔަ މަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުން ހުއްޓުވާފައި އޮތުމަށް ފަހު އެތެރެ ކުރަން މިއަދު އަލުން ހުއްދަ ދީފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، މި ދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގެ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ އާ ހަމަ އެމަހުގެ 30 ވަނަ ދުވަހު ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލި ކަމަށެވެ.

ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދު އެކުލަވާލައި މިހާރު ޝާއިއު ކުރެވިފައި އޮތުމާއެކު، މިއަދުން ފެށިގެން ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި މި ކަން ކުރަން ވާނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމް ހަމަޖައްސައިގެން ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހުރި ކެމިކަލް ގުދަނެއް ގައި ރޯވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި 4 ގުދަނަކާއި 6 ގެއެއް ވަނީ އަދާފައެވެ.

އެހާދިސާއާ ގުޅިގެން 800 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ހިޔާއިން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ. އެ ހާދިސާއަށް ފަހު މާލޭގެ މީހުން އުޅޭ ސަރަހައްދުތަކުގައި ހުރި ގުދަންތައް ތިން މަސްތެރޭ ތިލަފުއްޓަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.


ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދުގައި ބުނާ ގޮތުން، ކެމިކަލް ރައްކާ ކުރާ ގުދަނެއް ހުންނަން ވާނީ އިމާރާތެއްގެ 3 ވަނަ ފަންގިފިލާއަށް ވުރެ އުސް ނުވާ ގޮތަށް ކަމަށާއި، އެތަނަކީ މީހުން ދިރިއުޅޭ ތަންތަނާއި ވަކިން ތަޅުލައިފައި ހުންނަ ރައްކާތެރި ތަނަކަށް ވާން ޖެހެއެވެ.

އަދި މި ގުދަނުގެ ދޮރުތަކަކީ 30 މިނިޓުގެ ފަޔާ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.

ގަވާއިދުގައި ބުނާ ގޮތުން، ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި އިތުރު ތަނަކަށް ނުވަދެ ރައްކާތެރި ސަރަހައްދަކަށް ނިކުމެވޭ ގޮތަކަށް ކަމަށާއި، މަތީ ފަންގިފިލާއެއްގައި ހަދާފައިވާ ގުދަނެއް ނަމަ، އިމާރާތުގެ ބޭރަށް ފޭބޭނެގޮތަށް އިމަޖެންސީ އެސްކޭޕް ލެޑާ ހަރުކޮށްފައި ހުންނަން ޖެހެއެވެ. އަދި ހާދިސާއެއް ހިނގައިފި ހާލަތަކަށް ތައްޔާރު ފަސްޓް އެއިޑް ކިޓެއް ހުންނަން ވާނެ ކަމަށް ގަވާއިދުގައި ބުނާއިރު، މި ކިޓުގައި ހުންނަން ޖެހޭ ތަކެތިވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން، ގުދަނުގެ ތެރޭގައި ފިނި ހޫނުމިން ބަހައްޓާނެ ގޮތާއި، ކަރަންޓު ވަޔަރުކޮށްފައި ހުންނަ ގޮތް އަދި އެތެރޭގައި ކެމިކަލް ގުދަން ކުރަން ޖެހޭ ގޮތުގެ ގިނަ ތަފްސީލުތަކެއް ވެސް މި ގަވާއިދުގައި ހާމަކޮށްފައި ވެއެވެ.


 


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...