އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ޝުއޫރު ފާޅު ނުކުރަން ފުލުހުންނަށްވެސް އަންގައިފި

އިސްލާމްދީނާއި، މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ޝުއޫރު ފާޅުނުކުރުމަށް ފުލުހުންނަށް އަންގައިފިއެވެ.

ފުލުހުން ނެރުނު އިންޓާނަލް މެމޯއަކުން އެކަން އަންގާފައިވާއިރު އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންނަށްވެސް ވަނީ އެ ރިޕޯޓުގެ ވާހަކަ ނުދައްކަން އަންގާފައި ކަމަށް ޗެނަލް13އަށް މައުލޫމާތު ލިބެއެވެ. 

ފުލުހުން ބުނީ އެ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއްކަމަށެވެ. ފުލުހުންނަށް ނެރުނު އިންޓާނަލް މެމޯގައި ވަނީ ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން އެކުލަވައިލި ރިޕޯޓާ ގުޅިގެން ފުލުހުން ނޫސްބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި އެ މުއައްސަސާގެ މުވައްޒަފުންގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ އެކަމުގެ ސަބަބުން މުއައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުކުރުމަށް ހުރިހާ މުވައްޒަފުންނަށް ނަސޭހަތްތެރިވާ ކަމަށް އެ މެމޯގައި ބުނެފައިވެއެވެ.

ފުލުހުންގެ މެމޯގައި އަންގާފައިވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ޝޯސަލް މީޑިއާގައި ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށާއި، މިކަން ފުލުހުން ބަލައި ނުގަންނާނެކަމަށް ބުނެފައެވެ.

ފުލުހުން އެ މެމޯ ނެރެފައިވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެމްޑީއެންގެ ބޯޑު މެންބަރުކަން ކުރައްވާފައިވުމާއެކު އެމްޑީއެން މައްސަލަ ބެލުމުގައި ފުލުހުން އެކަށީގެން ވާ މަސައްކަތެއް ނުކުރާކަމަށް ރައްޔިތުންގެ ތެރެެއިން ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.


އެމްޑީއެން އުވާލުމަށް ސަރުކާރަށް ރައްޔިތުން ގޮވާލަމުން އަންނަ މި ދަނޑިވަޅުގައި ފުލުހުން އެފަދަ އެންގުމެއް އަންގާފައިވާއިރު ފުލުހުންގެ ތަރުޖަމާނުގެ އަމިއްލަ ވަޓްސްއެޕް ގްރޫޕުގައި އެމްޑީއެން ރިޕޯޓާ ގުޅިގެން ޗެނަލް13ގެ ނޫސްވެރިޔަކު ސުވާލު ކުރުމުން އެ ނޫސްވެރިޔާއާ މެދު ފިޔަވަޅު އަޅައި، އެ ގްރޫޕުން ވަނީ ބޭރުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...