ރޮޑްރީގޯ ޖަހައިދިން ލަނޑާއެކު ސްޕެއިން ޔޫރޯ އަށް ކޮލިފައިވެއްޖެ

މެޗުގެ އިތުރު ވަގުތުގައި ރޮޑްރީގޯ މޮރޭނޯ ޖަހައިދިން ލަނޑާއެކު ސްވިޑެންއާ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން ކޮލިފައިވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގައި ސްވިޑެންއާ ދެކޮޅަށް ނުކުތް އިރު މުބާރާތަށް ކޮލިފައިވުމަށް ސްޕެއިން އަށް ބޭނުންވެފައި އޮތީ އެއްމެ ޕޮއިންޓެކެވެ. އެއާއެކު ސްޕެއިން އަށް ބޭނުންވި ޕޮއިންޓް ކަށަވަރުވީ މެޗުގެ ފަހު ވަގުތުކޮޅުތެރޭގައި ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުގައި ސްވިޑެންގެ ފަރާތުން ފެނިފައި ވަނީ ވަރަށް ބޮޑަށް ކުރިއަށްޖެހި ސްޕެއިންގެ ހާފަށް ބާރުބޮޑު މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި މާކަސް ބާގް ވަނީ ލަނޑެއް ޖަހާ ސްވިޑެން ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ސްވިޑެން އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު ދެ ވަނަ ހާފްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޑެހެއާ ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގައި ސްޕެއިން ޓީމުން ސްވިޑެންގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސަން ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. ނަމަވެސް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ ސްޕެއިން އަށް އެއްވަރުކޮށްދީފައެވެ.

ސްޕެއިން އަކީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށް ކޮލިފައިވި ހަ ވަނަ ޓީމެވެ. މިހާތަނަށް މުބާރާތުގެ ޖާގަ ޔަގީންކޮށްފައިވަނީ ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން އަދި ރަޝިއާއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...