ތަރައްގީގެ މަޝްރޫޢުތައް ހުއްޓި އިގްތިސާދު ހީނަރުކަމަކަށް!

ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔަ ވާހަކަ ތަކަކީ އެއްވެސް ފަރާތަކަށް ދޮގުކުރެވޭނެ ވާހަކަތަކެއް ނޫނެވެ. އެގޮތުން އެންމެ އުތުރުގައިވާ ހއ.ތުރާކުނުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގެ ހިތަދޫއާ ދެމެދަށް ނަޒަރު ހިންގާލި ނަމަވެސް ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ނުގެންދާ ހަމަ އެންމެ އަތޮޅެއް އަދި އެންމެ ރަށެއްެވެސް ނެތެކޭ ނުދެންނެވޭނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޮމެސްޓިކް އެއާޕޯޓުތަކާއި ރަށްރަށުގެ ބަނދަރުތަކާއި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި އުމްރާނީ ގޮތުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ނުގެންދާ ހަމަ އެއްވެސް ސަރަޙައްދެއް ނެތެކޭ ނުދެންނެވޭނެއެވެ.

އެހެން ނަމަވެސް 5 އަހަރުގެ ތެރޭ ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫއުތައް ހުއްޓި ތަރައްގީގެ ދުވެލި މަޑުޖެހި އިގްތިޞާދީ ގޮތުން މިހާރު ގައުމަށް ވަނީ ހީނަރުކަން އައިސްފައެވެ. އެހެން ނަމަވެސް މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާ ފިޔަވަޅު އަޅާ މަންޒަރެއް ނުފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ކުރު މާޒީއެއްގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކާއި އެކު ގައުމުގެ އިގްތިސާދު ކުރިއަރާގޮސް ރައްޔިތުންނަށް އެތައް މަންފާތަކެއް ލިބުނު ނަމަވެސް މިއަދު އަނެއްކާ ވެސް މިވަނީ ހާލަތު ބަދަލުވެފައެވެ.

އެތައް ގޮތަކުން ގައުމާއި ރަށްޔިތުންނަށް ލިބެމުންދިޔަ މަންފާތަކާއެކު ސަރަހައްދުގެ ގައުމުތަކާއި ވާދަކޮށް ތަރައްގީގެ ގޮތުން ގައުމަށް ލިބުނު ކުރިއެރުން ފަހަތަށް ޖެހި މައްޗަށް އެރިތަންކޮޅު ތިރިއަށް ވެއްޓިގެން މިދަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކާއެކުއެވެ.

މިކަން ހާމަވަނީ ދެކުނު އޭޝިއާ ގައި ވެސް އެންމެ ބޮޑަށް އިގްތިސާދު ދަށަށް ދިޔަ ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ނަން ހިމެނުމުންނެވެ. ވެރިކަން ބަދަލުވެ އަހަރެއްހާ ދުވަސް ނުވަނީސް އިގްތިސާދީ ގޮތުން ރާއްޖެ މިހާ ފަހަތަށް ސޮއްސާލަން ޖެހުމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ވަނީ ފިސާރި ރަނގަޅަށް ޖަވާބު ދީފައެވެ.

ވޯލްޑް ބޭންކުގެ ފަރާތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން މުޅި ސަރަހައްދުން ވެސް އިގްތިސާދީ ދުވެލި އެންމެ ބޮޑަށް މަޑުޖެހުނު އެއް ގައުމަކީ ރާއްޖެއެވެ. އެ ރިޕޯޓުގެ ތަފްސީލުތަކަށް ބަލާއިރު 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.8 އިން ސައްތަ ކުރިއެރި ނަމަވެސް މިއަހަރު އެ އަދަދު ވަނީ 1.5 އިން ސއްތަ ދަށްވެފައެވެ.

ވޯލްޑް ބެންކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިސާދު މިހާ ބޮޑަށް ދަށްވެފައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނިމިގެން ދިއުމަށް ފަހު އެފަދަ އިތުރު މަސައްކަތްތައް ފެށިފައި ނުވާތީއެވެ. އަދި ރާއްޖޭގެ އިގްތިސާދު އިތުރަށް ރަނގަޅުވާނީ ޓޫރިޒަމް ދާއިރާ އަންނަ އަހަރު އިތުރަށް ރަނގަޅުވެ، ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފަށައިގެންނެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުގެ ލަފާކުރުންތަކަށް ބަލާއިރު ކުރިއަށް އޮތް ދެ އަހަރު ތެރޭ ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. އެހެން ކަމުން މިފަދަ ސަބަބުތަކާހުރެ ސަރުކާރުގެ ފަރާތުން މަޝްރޫޢުތައް ފަށާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަށް ވުރެ މަޝްރޫޢުތައް ފެށުން މުހިއްމުކަން ވޯލްޑް ބެންކުގެ ރިޕޯޓާއި އެކު މިވަނީ ހާމަވެފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...