ކޮޗިންއާއި ރާއްޖެއާމެދު ފެރީ ދަތުރު ފެށުމާމެދު އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި

އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ފެރީ ދަތުރުތައް ފަށަން އުޅޭތީ އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކުރެއްވީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ފެރީ ދަތުރުތައް ފެށުމުގައި ފެރީން ދަތުރުކުރާ މީހުންގެ ރެކޯޑްސްތައް ބަލަހައްޓަން ތައްޔާރުވެފައިވާ މިންވަރު އޮޅުން ފިލުވުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ކެޕޭސިޓީ ވަރަށް ކުޑަކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ބަނދަރުގައި ކެޕޭސިޓީ ނެތުމާއި، އެވަރުގެ ޓާމިނަލެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންވެ ކަނޑުމަގުން އެތެރެވާ މީހުންގެ މައުލޫމާތު ނުހުންނާނެ ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެކަން ފެށުމުން ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ކަނޑުމަގުން އެތެރެވާ މީހުންގެ މައުލޫމާތު ސިސްޓަމެއްގައި ރައްކާކުރެވިފައި ނެތުމާއި އެ މައުލޫމާތު ދިމާނުވުން ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު އެފަދަ ސިސްޓަމެއް ގާއިމް ކުރި ނަމަވެސް ކަނޑުމަގުން އެތެރެވާ މީހުން ދެނެގަނެވޭނެ މޮޑިއުލެއް ހެދިފައި ނުވާކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ކަނޑު މަގުން ދަތުރުތައް ފެށުމާމެދު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. އެގޮތުން ހދ.ކުޅުދުއްފުއްޓާއި ކޮޗިންއާއި ދެމެދު ފަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ދަތުރުތައް ކުރެވޭ ގޮތަށް ވަނީ އެއްބަސްވެފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކަނޑުމަގުން ދަތުރު ފެށުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެގޮތުން އެފަދަ ގޮތަކަށް ދަތުރުތައް ފެށޭއިރު ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތުތައް ސިސްޓަމަށް ނޭޅޭ ނަމަ ބޮޑެތި މައްސަލަތަކާއި ކުރިމަތިވާނެ ކަމަށެވެ.

މި މައްސަލައިގައި މަޖިލީހުގައި މަޝްވަރާ ކުރެވުނު ފަހުން ފޮރިން މިނިސްޓްރީއާއި އެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިމިގްރޭޝަނުން ފާޅުކުރެއްވި ކަންބޮޑުވުންތައް ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓާއި ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދެއްވާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...