އެމްޑީއެންއާ ދެކޮޅަށް މީސްމީޑިއާގައި އަޑު އުފުލި މީހަކު ހައްޔަރުކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްއަށް ފާޑު ކިޔައި، މާތްވެގެންވާ އިސްލާމް ދީނުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝައްމާން އަކީ އެމްޑީޕީއަށް ތާއީދު ކުރާ ޒުވާނެކެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސަރުކާރުގެ އިސް މަގާމުތަކެއް ފުރަމުން އަންނަ ބަޔަކު ހިންގަމުން އަންނަ އެމްޑީއެންއިން ނެރުނު ރިޕޯޓާ ދެކޮޅަށް މީސްމީޑިއާގައި އަޑު އުފުލާފައެވެ. އޭނާ ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބޮޑު ނުވަނީސް އިސްލާމް ދީނާއި، ކީރިތި ރަސޫލާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ކުރި ޕޯސްޓެއްގައި އޭނާ ވަނީ ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ބުނެފައެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ދީނީ ހަރުކަށި ފިކުރަށް ތާއީދު ކުރި ކަމަށް ތުހުމަތުކޮށެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ޕޯސްޓެއް އޭނާ ކޮށްފައެއް ނުވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު އޭނާއަށް ވަނީ ޝަހިންދާއާ ދެކޮޅަށް ކުރި ޕޯސްޓުވެސް ނަގަން މަޖުބޫރުވެފައެވެ.

ޝައްމާން ހައްޔަރު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލަމުންނެވެ. އަދި ފްރީ ޝައްމާން ހޭޝްޓެގް ބޭނުންކޮށްގެން މީސްމީޑިއާގައި އޭނާ ދޫކޮށްލަން ގޮވާލާ ބޮޑު ކެމްޕެއިނެއްވެސް ކުރިއަށް އެބަގެންދެއެވެ. އެހެންނަމަވެސް އެ ކެމްޕެއިނުގައި އެމްޑީޕީގެ އެެއްވެސް މީހަކު ބައިވެރިއެއް ނުވެއެވެ.

ޝައްމާން ހައްޔަރުކޮށްފައިވާއިރު މި ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ޓެރަރިޒަމްގެ ތެރެއިން ކުށެއް ކަމުގައި ބަލައި އެމީހަކު ހައްޔަރުކުރެވިދާނެއެވެ. ޝައްމާން ހައްޔަރު ކުރުމާ ގުޅިގެން އޭނާގެ އަނބިމީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ފިރިމީހާ އަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ. އޭނާ ބުނީ އޭނާގެ ފިރިމީހާ އަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އޭނާ ހަމައެކަނި ދީނާއި ދެކޮޅު މީހުންނަށް ހައްޤު އަދަބުދީ އަދި އޭނާ އެމްޑީޕީއަށް ކުރާ ތާއިދު އަނބުރާ ގެންނަ ވާހަކަ ބުނެފައިވާ ކަމަށެވެ.މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...