ނަޝީދު އަދިވެސް އެމްޑީޕީގެ ލީޑަރޝިޕުން އެހެން ބޭފުޅަކަށް ފުރުސަތު ދޭން ބޭނުމެއް ނުވޭ!

ސަރުކާރު ހިންގާ މައި ޕާޓީ(އެމްޑީޕީ)ގެ ރައީސްކަމުގައި އިތުރު ދައުރެއް ފުރިހަމަ ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ، އެޕާޓީގެ ލީޑަރޝިޕުން އެހެން މީހަކަށް ފުރުސަތުދޭން ބޭނުންފުޅު ނުވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކޮށްދެއްވައިފިއެވެ.  

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ ދައުރު ހުސްވެ މަގާމު ހުސްވެފައިވާތީ މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން އެޕާޓީން ވަނީ ނިންމައިފައެވެ. އެ ޕާޓީއިން ބުނެފައި ވަނީ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން ޕާޓީގެ އިންތިހާބުތަކުގައި ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ހޮނިހިރު ދުވަހުގެ 12:00ގެ ކުރިން ފޯމުތައް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެ އިއުލާނާއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަގާމަށް ކުރިމަތިލައްވަން ބޭނުންވާ އެންމެންނަށްވުރެ ކުރީން އެކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލަން ނިންމަވާފައިވާ ކަމަށާއި، އެޕާޓީގެ ހުރިހާ މެމްބަރުން އިހްލާސްތެރިކަމާއެކު ނަޝީދަށް ތާއީދު ކުރުން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސް ހޮވަން އެންމެ ފަހުން އިންތިހާބެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ. އެ އިންތިހާބުގައި ރައީސް ނަޝީދާއެކު އެހެން އެއްވެސް ފަރާތަކުން އެޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާފައެއް ނުވެއެވެ. މިފަހަރުވެސް އެމްޑީޕީގެ ލީޑަރޝިޕާ ހަވާލުވާން ބޭނުންވިޔަސް، އެއްވެސް ފަރާތަކަށް ރައީސް ނަޝީދާ ކުރިމަތިލާން ކެރިވަޑައިގަންނަވާނެ ހެނެއް ހިއެއް ނުވެއެވެ.

ނަޝީދު އެޕާޓީގެ ލީޑަރޝިޕް ހިސޯރު ކުރައްވައިގެން އުޅުއްވާތާ 15 އަހަރުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އިތުރު ދައުރެއްގައި އެމްޑީޕީގެ ރައީސްކަން ކުރައްވަން ބޭނުންފުޅުވާކަން ނަޝީދު ހާމަކުރެއްވުމާއެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން، އާ ޑިކްޓޭޓަރެއް ދިވެހީންނަށް ފެނިއްޖެ ކަމަށް ނަޝީދުގެ ޓްވީޓަށް ކޮމެންޓް ކުރި އާންމު ރައްޔިތަކު ވަނީ ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން އިސްލާމް ދީނަށް ހަޖޫ ޖަހަމުންގެންދާއިރު އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކަށް އެމްޑީޕީގެ ރައީސްގެ މަގާމު ދޭން ބޭނުން ނުވާ ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...