ޝަހިންދާ އަދިވެސް ރިޕޯޓު ދިފާއު ކުރުމުގައި، މިފަހަރު ބުނީ އެކަމުގައި އިސްލާމިކް މިނިސްޓްރީ ބައިވެރިވި ކަމަށް!

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)އިން މާތްވެގެންވާ އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ ދިފާއުގައި އެޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝަހިންދާ އިސްމާއީލް އަނެއްކާވެސް ވާހަކަ ދައްކައިފިއެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓްގެ ދިފާއުގައި ޝަހިންދާ ބުނެފައިވަނީ އެ ރިޕޯޓް ނެރުނީ އިސްލާމިކް މިނިސްޓްރީގެ ބައިވެރިވުމާއެކުގައި ކަމަށެވެ. އެގޮތުން އެ ރިޕޯޓު ތައްޔާރު ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންގެ އިންޓަރވިޔު ހިމަނައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ޝަހިންދާ ބުނީ ސަލަފު އަދި އަދާލަތު ޕާޓީން މަސައްކަތް ކުރަނީ އެ ރިޕޯޓުގައި އޮތީ ކޯޗެއްކަން މީހުންނަށް އެނގުނަ ނުދޭން ކަމަށެވެ.

ޕްރީލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި އެމްޑީއެންއިން ހެދި ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހައްދަުފަހަނަ އަޅައި ދިއުން އޮންނަ މިންވަރުގެ މައްޗަށް އެކުލަވައިލި ރިޕޯޓެކެވެ. އެ ރިޕޯޓުގެ ދިފާއުގައި ޝަހިންދާ ވާހަކަ ދައްކާފައި މިވަނީ އަލަކަށް ނޫނެވެ. މީގެ ކުރިންވެސް އޭނާ ވަނީ އެ ރިޕޯޓު ދިފާއުކޮށް، އިސްލާމިކް މިނިސްޓްރީއަކީ މި ގައުމުގެ ހަލާކު ކަމަށްވެސް ބުނެފައެވެ.

ޝަހިންދާ މީގެ ކުރިން ކުރި ޓްވީޓެއްގައި ބުނީ 2016 ވަނަ އަހަރު ނެރެފައި އޮތް ރިޕޯޓެއް ކުއްލިއަކަށް މައްސަލައަކަށް ވުމުން ސުވާލު އުފެދޭ ކަމަށެވެ. އެ ރިޕޯޓުގައި އިސްރާއާ މިއުރާޖުގެ ވާހަކައަކީ ފުލޯކު ވާހަކައެއްކަމަށް ބުނެފައިވާއިރު، ކީރިތި ޤުރުއާނާ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަމާ ދެކޮޅަށް ބަސް ބުނެފައިވާތީ އެތައް ދިވެހީންނެއް ކަންބޮޑުވުން ފާޅު ކުރުމުން އެމްޑީއެންއިން ރިޕޯޓު އަނބުރާ ގެންގޮސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހު ކުރާނެ ކަމަށްވެސް ބުންޏެވެ.

އެހެންނަމަވެސް ފެނިގެންދިޔައީ މާފަށް އެދުނުތާ ސައުވީސް ގަޑިއިރު ނުވަނީސް ޝަހިންދާއާއި އެމްޑީއެންގެ މެމްބަރުންވެސް އެ ރިޕޯޓުގެ ދިފާއުގައި ނުކުތް މަންޒަރެވެ. އެމްޑީއެންގެ ރިޕޯޓު 2016 ވަނަ އަހަރު ޝާއިއު ކުރި ނަމަވެސް، އެ ރިޕޯޓަށް އިސްލާމް ދީނާ ހިލާފު ވާހަކަތައް އިތުރުކޮށްފައިވަނީ މި ސަރުކާރުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރު ވަނީ ވިދާޅުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...