ސަރުކާރުގައި ތިބި އެމްޑީއެންގެ މީހުން އިސްތިޢުފާ ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ސަރުކާރުގެ އެކި މަޤާމްތަކުގައި ތިބި ދީނާއި ދެކޮޅަށް އަދި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް އިސްތިޢުފާ ދިނުމަށް އިދިކޮޅު ކޮންގެރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލިސް ކުރާގޭ ދޮރުމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފެންމަތިވެގެން އުޅޭ ދީނާއި ދެކޮޅު ރިޕޯޓް ލިޔުމާއި ޝާއިއު ކުރުމުގައި އިސްކޮށް މަސައްކަތްކުރި އަދި އެޖަމާޢަތުގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކެއް ރައީސް އޮފީހުން ފެށިގެން ދައުލަތުގެ މުއައްސަސާތަކުގެ އެންމެ އިސް ސަފުގައި އެބަތިބި ކަމަށެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވިދާޅުވީ ދީނާއި ދެކޮޅަށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި 2015 އަހަރު ނެރުއްވި ރިޕޯޓެއްކަމަށް ވިދާޅުވި ވާހަކަފުޅަކީ މުޅިން ގޯސް މަޢުމޫލާތެއްކަމަށެވެ.

މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އުފުލުމުން މަޖްބޫރުވެގެން ރައީސް ޞާލިޙު އެމްޑީއެން އުވާލާނެ ކަމަށް ވިދާޅުވި ނަމަވެސް އިސްލާމްދީނަށް ފުރައްސާރަ ކުރާ ބަޔަކާ ދޭތެރޭގައި ރައީސްގެ މަގާމުގައި ހުންނަ މީހަކު އަދާކުރަންޖެހޭ ޒިއްމާ އުފުލޭތަން ނުފެންނަ ކަމަށާއ އެމްޑީއެން އުވާލުމުން ޒިންމާ ފުރިހަމަ ކުރެވުނީ ނޫންކަމަށް  ކޮންގްރެސް ކޯލިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީއެން އުވާލުމަކުން މައްސަލަ ޙައްލުނުވާ ކަމަށާއި، އެމްޑީއެން އުވާލުމަށްފަހު ސަރުކާރުގެ ތެރޭގައި ބޮޑެތި މުސާރަ ދީފައި ތިބި އެޖަމްޢިއްޔާއަށް ނިސްބަތްވާ ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވިދާޅުވީ ބޭރުގައި ތިބި ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި ތިންހަތަރު ލައިނަކުން ނޫސްބަޔާން ނެރުއްވިޔަސް ރައީސްގެ ޒިއްމާ އަދާނުކުރެވޭކަމަށެވެ. އަދި އަނދިރި ދައުލަތް މިއޮތީ މުޅި ސިސްޓަމްތެރެއަށް ވަދެފައި ކަމަށާއި ފަނޑިޔާރުގެއާއި ފުލުހުންގެ އިދާރާއާއި ރައީސްއޮފީހުގައި އެމީހުން ތިބިއިރު އެމްޑީއެން އުވާލަން ދެދުވަސް ދިނުމަށް ޢިލްމުވެރިންނަށް ރައީސް ދެންނެވި ކަމަށެވެ.

ސަރުކާރުގައިތިބި އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް ބޭރުކުރުމަށް މިއަދު ނައިފަރު ދާިއރާގެ މެމްބަރު އަޙްމަދު ޝިޔާމް މަޖިލިހަށް ހުށައެޅުއްވި ކުއްލި މައްސަލަވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...