ސަރުކާރުގައި ތިބި އެމްޑީއެންގެ މެމްބަރުން ވަކިކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމްޑީއެން) އަށް ނިސްބަތްވާ ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކި ކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މި މައްސަލަ ބޭރުކޮށްލީ މަޖިލީހަށް ހާޒިރުވެތިއްބެވި 50 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ އެންމެ 11 މެންބަރުންނެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކަށް ފުށުއަރާ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ވާހަކަތަކެއް ހިމަނާފައިވާކަމަށެވެ. އެގޮތުން އެކަން ދިވެހި ސަރުކާރުން ގަބޫލު ކުރާއިރު، އެ ޖަމިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ބަޔަކު މިސަރުކާރުގެ އެކިއެކި މަގާމްތަކަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ މައްސަލަ ހުށެހެޅުއްވީ އެފަރާތްތައް ސަރުކާރުގައި ތިބެގެން މަގާމުގެ ނުފޫޒު ބޭނުންކޮށް، އިސްލާމްދީނަށް ފުރައްސާރަކުރާނޭ ކަމަށް ތުހުމަތުކުރެވޭތީކަމަށެވެ. އަދި ސަރުކާރުގެ ތަންފީޒީ މަގާމުތަކަށް އެފަރާތްތައް އައްޔަނުކޮށްފައިވާތީ އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅި، އިސްލާމީ ވަހުދަތާއި ދިވެހިންގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ޚިލާފު އުފެދި، ބާތިލު ފިކުރުތަށް ރާއްޖޭގައި ފެތުރުމަށް މަގުފަހިވެ، އަދި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ވާތީ ކަމަށެވެ.

އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ ޖަމިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓް އިސްލާހުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ފުލުހުންގެ މުއްއަސަސާގެ އެއްމެ އިސްވެރިއެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި އެމްޑީއެންގައި އިސްދައުރެއް އަދާކުރެއްވި އެމްސީ ހަމީދު ހުންނެވިހާ ދުވަހަކު އެ މުއައްސަސާއިން މި މައްސަލަ ތަހުގީގު ނުކުރާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...