ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނެއް ހަދަން ނިންމައިފި

އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެެ.

މިނިސްޓަރ ޒާހިރު މިމޭރުމުން ވިދާޅުވެފައި ވަނީ ދީނަށް ފުރައްސާރަކުރުމާއި ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމާ ގުޅޭގޮތުން ދީނީ އިލްމުވެރިންގެ ކަނބޮޑުވުންތައް ބެލުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވަނީ ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ހާއްސަ ޖަމިއްޔާއެއްވެސް އުފެއްދުމަށް ނިންމާފައެވެ.

އަދި އެ ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިން ވަނީ އެކަންކަމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީ އިން ކުރިޔަށް ގެންދާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީ އިން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގެ ބައިވެރިން ވަނީ އެފަރާތްތަކަށް އެކި މީހުންގެ ފަރާތުން ދީފައިވާ އިންޒާރުތަކާއި އަދި އެހެނިހެން ކަނބޮޑުވުންތައްވެސް މިނިސްޓަރާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިފަދަ ކަަންކަމާ ގުޅިގެން އާންމުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށްވެސް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.
އިސްލާމިކް މިނިސްޓްރީ އިން މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވެސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާއަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ.

އެ ރިޕޯޓަކީ ދިރާސާއެއްގެ ނަމުގައި ގުރުއާނުންނާއި ސުންނަތުން ކަނޑައެޅިގެން ސާބިތުވާ ކަންކަން ދޮގުކޮށް ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.
އެކަމާއި ގުޅިގެން ގިނަ އާއްމުންނާއި ދީނީ އިލްމުވެރިން އަދި ބައެއް ސިޔާސީ ލީޑަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އަދި އެފަރާތްތަކުން ވަނީ އެމްޑީއެން "ބޭން" ކުރުމަށް ގޮވާލައިފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...