ނަޝީދު ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް - ޗައިނާ ސަފީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރުންނާއި ފަނޑިޔާރު ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލިސް ހުއްޓުވާލީ ޗައިނާގެ އެއްބާލުމާއެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޒަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ޒަންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޗައިނާއިން ޤައުމުތަކާއި ގުޅުން ބާއްވަނީ ހަރުދަނާ ގޮތްތަކެއްގެ މަތީން ކަމަށެވެ. އަދި ޤައުމުތަކާއި އެކު މަސައްކަތް ކުރާއިރު ޗައިނާއިން އެ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ޚިޔާލު ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ޗައިނާއިން ޤައުމުތަކަށް ތަރައްޤީގެ މަގުގައި އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުންދާއިރު، ދެޤައުމެއްގެ ދެމެދުގައި އެކުވެރިކަން އުފެދި ލިބިގެންދިޔަ ފައިދާ، ރާއްޖެ އާއި ޗައިނާގެ ގުޅުމުން އެނގިގެން ގޮސްފައިވާނެ ކަމަށް ވެސް ޒަންގް ލިޖޮންގް ވިދާޅުވިއެވެ. އެގޮތުން އެޤައުމާއި އިންޑިއާ އާއި މެދުވެސް ރަނގަޅު ގުޅުމެއް އޮތް ކަމަށާއި އެ ގުޅުން ހީނަރު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެޤައުމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވަނީ، އިންޑިއާގައި ކުރިޔަށްދާ އިކޮނޮމިކް ސަމިޓުގައެވެ. އެ ސަމިޓުގައި ޗައިނާއަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ވަނީ އަމިއްލަ ބޭބޭފުޅާއި ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައި ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވާ މަޖިލިސް ވެސް ހުއްޓުވާލި ކަމަށެެވެ.

އެއަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވި ކަމުގައި އާއި، މި ހުރިހާ ކަމެއް ޔާމީން ކުރެއްވީ ޗައިނާގެ އެއްބާރުލުމާއެކު ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ނަޝީދު ވިދާޅުވިއެެވެ. އަދި ކަން މިހެން އޮތްނަމަވެސް ކުރިމަތިލުމަކަށްދާން ރާއްޖެއިން ބޭނުން ނުވާ ކަމަށާއި، ރާއްޖެއިން ބޭނުންވަނީ މިނިވަންކަން ކަމަށެވެ. އެ ސަމިޓުގައި ނަޝީދު ވަނީ ޗައިނާއިން އެގައުމުގެ ވިސްނުން ރާއްޖޭގައި ތަންފީޒު ކުރަން ބޭނުންވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ޗައިނާ އަށް ފާޑުވިދާޅުވުމަށް ފަހު ނަޝީދު ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ. ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. ނަޝީދު މީގެ ކުރިން ވެސް ވަނީ އެތައް ފަހަރަކު ޗައިނާ އަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އޭނާގެ ވާހަކަތައް އަބަދުވެސް ޗައިނާ އިން ދޮގުކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...