ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން އެމްޑީއެން އުވާލަން ޖެހޭ: ޑރ.ޝަހީމް

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެފައިވާ އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށްފަހު ޤާނޫނުގެ ތެރެއިން އެ ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުުނިވާސިޓީގެ އެންމެ ފުރަތަމަ ޗާންސެލަރ ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނަށާއި ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރާއްޖޭގެ ދީނީ ވަޙުދަތު މުގުރާލަން އުޅޭ އެމްޑީއެން އުވާލަން ޖެހޭ ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ޤާނޫނާއި ޓެރަރިޒަމް މަނާކުރުމާއި ބެހޭ ޤާނޫނުގެ ދަށުން އެޖަމްޢިއްޔާ އުވައިލެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އެ ޖަމްޢިއްޔާއަށް ނިސްބަތްވާ ފަރާތްތައް މަގާމުން ވަކިކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވަނީ ހުއްޓުމެއް ނެތި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކާމެދު ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ ތަޢުލީމީ މުޤައްރަރާއި، ދީނީ ހަރުކަށި ފިކުރު އޮތް މިންވަރު ދިރާސާކުރުމުގެ ނަމުގައި އެމްޑީއެން އިން ލިޔެފައިވާ ރިޕޯރޓުގައި މުހައްމަދުގެ ފާނަށް ބަދުބަސް ރައްދުކޮށްފައިވުމާއި، އިސްރާއާއި މިޢުރާޖަކީ ފުލޯކު ވާހަކައެއް ކަމުގައި ބުނެފައިވުން ފަދަ އިސްލާމްދީނާ ޚިލާފު ވާހަކަތައް ހުރުމުން ގިނަ ބަޔަކު ދަނީ އެޖަމްޢިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

އެމްޑީއެންގެ ރިޕޯރޓުގައި ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންނަކީ ހަރުކަށި އަނިޔާވެރި ފިކުރުތަކަށް ގޮވާލާ ފަރާތްތަކެއް ކަމަށް ބުނެފައިވެއެވެ. އަދި ޓެރަރިޒަމަށް ތާއީދުކުރާ ބައެއްގެ ގޮތުގައި ސިފަކޮށް ޢާންމު އެތައް ބައެއްގެ ނަން ހިމެނޭ ލިސްޓެއްވެސް އެރިޕޯޓުގައި ހިމަނާފައިވއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...