އދ.ގައި ތަގުރީރުކުރެއްވުމަށްވުރެ އިސްކަންދެއްވީ ގައުމުގެ މަސްލަހަތާއި ރައްކާތެރިކަމަށް: ރައީސް ޔާމީން

އދ.ގައި ތަގުރީރުކުރެއްވުމަށްވުރެ ބޮޑު އިސްކަމެއް ދެއްވީ ގައުމުގެ މަސްލަހަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ.ހިންމަފުށީ ރަށްޔިތުންނާއި މުހާތަބް ކުރައްވާ ރައީސް ޔާމީން ވަނީ އދ. ގެ ބައްދަލުވުންތަކަށް ވަޑައިނުގެންނެވި ސަބަބު ވިދާޅުވެ ދެއްވާފައއެވެ.

ރައީސް ޔާމީން ވިދާޅުވީ އދ.ގައި ތަޤްރީރްކުރައްވަން ވަޑައިނުގެންނެވީ އިނގިރޭސި ބަސް ނުވަތަ ދިވެހި ބަހުން ތަޤްރީރު ކުރައްވަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށާއި ގައުމުގެ މަސްލަހަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އެމަނިކުފާނަށް މުހިންމުވެ ވަޑައިގަތުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ އަހަރު އދ.ގައި ތަޤްރީރްކުރެއްވުމަށް ވަޑައިނުގެންނެވީ ހައްޖު މޫސުމާއި ދިމާވުމުން ކަމަށާއި ޖެހިގެން އައި އަހަރު ވަޑައިނުގެންނެވީ އޭރުގެ އިދިކޮޅު ފަރާތްތަކުން މޭޑޭގެ ނަމުގައި މުޒާހަރާކޮށް ޤައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްވުރެ ޤައުމުގައި ހުންނަވާ ކަންކަން ހަމަމަގަށް އެޅުވުން މުހިންމު ކަމަށް ދެކެވަޑައިގެންނެވުމުން ކަމަށެވެ. އަދި އދ. އަށް ވަޑައިނުގެންނެވި ނަމަވެސް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރައްވާ ރާއްޖޭގެ ކަންތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އދ. ގައި ތަގުރީރު ކުރެއްވުމުން ރާއްޖޭގެ ފަރާތުން ބޮޑެތި ކަންކަމުގައި ދެކޭގޮތް ދުނިޔެއަށް ހާމަވުން ފިޔަވައި އިތުރު ކަމެއް ނުވާ ކަމަށާއި އެގޮތުން އދ. ގައި ކުރެވޭ ތަޤްރީރަކުން ރާއްޖެއަކަށް ވަކި އިތުރު އެހީއެއް ނުލިބޭކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

އދ.ގައި ތަގުރީރު ކުރެއްވުމަށް ވުރެ ގައުމުގެ މަސްލަހަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއިރު ދާދި ފަހުން މިހާރުގެ ރައީސް ވަނީ އދ.ގައި ތަޤްރީރްކުރައްވާފައެވެ. އެ ތަޤްރީރަކީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ރައީސް ޞާލިހްގެ ތަގްރީރާއި ގުޅިގެން ގިނަ ރައްޔިތުން ވަނީ އެމަނިކުފާނަށް ފާޑުކިޔާފައެވެ. އަދި 30 ބޭފުޅުންގެ ވަފުދަކާއި އެކު ރައީސް ޞާލިހް އދ.އަށް ވަޑައިގެން 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާތީ ސޯޝަލް މީޑިޔާގައި ފާޑުކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އެކްޓިވިސްޓުން ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...