ރައްޔިތުން ތަހައްމަލު ކުރަމުންދާ ގިލަންވެރިކަމުގެ ޒިންމާ ނަގަންޖެހެނީ ކޯލިޝަނުން: ނިމާލް

- ފެނަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް -

ރައްޔިތުން ތަހައްމަލު ކުރަމުންދާ ގިލަންވެރިކަމުގެ ޒިންމާ ނަގަން މިއަދު ޖެހޭނީ ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުން ކަމަށް ފެނަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ހުރާގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތަކުން ފެށިގެން ގޮސް އެހެނިހެން ކަންތައްތައް ފުއްދަވައިދެއްވުމުގައި އަދުގެ ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށެވެ. އެހެންކަމުން ރައްޔިތުން ތަހައްމަލު ކުރަމުންދާ ގިލަންވެރިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ބަޔަކީ ސަރުކާރު ހިއްސާވާ ކޯލިޝަން ޕާޓީތަކުގެ ވެރިން ކަމަށެވެ.

އަދި އެމްޑިޕީއަށް މަޖިލިހުގައި ސުޕަ މެޖޯރިޓީ ލިބިގެން އެމްޑީޕީ މީހުން އެކަމާ އުފާފާޅުކޮށް ހެދިޔަސް އެ ކަމަކީ އެހާ ހައިރާންވާ ވަރުގެ ކަމެއްނޫން ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ރައްޔިތުން ދެ ދަރަޖައެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރިކަމުގައިވީ ނަމަވެސް ރައީސް ޔާމީން މަސައްކަތައް ކުރެއްވީ ހަމަ ހަމަ ކަމާއެކުގައި ކަމަށް ނިމާލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ރައްޔިތުންގެ ދަރުބާރުގައި ރައީސް ޔާމީންގެ ކުށެއް ނެތްކަން ރައްޔިތުން ވަނީ ގަބޫލުކޮށްފައި ކަމަށެވެ.

އަދި އެ ދައުވާ އަކީ އެމަނިކުފާނަށް ކުރާ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެ ނިމާލް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށެވެ. ޝަރީޢަތުގެ މަޖިލިހުގައި ބައެއް ލީޑަރުން ހަނު ތިއްބެވިކަން ފާހަގަކުރައްވާ ނިމާލް ވިދާޅުވީ ބައެއް ބޭފުޅުން ކޯޓު ރޫމަށް ހޭނެތިގެން ވެއްޓިވަޑައިގަތް ދުވަސްވެސް މާޒީވެގެން ހިނގައްޖެ ކަމަށެވެ.

އަދި އުނަގަނޑަށް ބޭސް ކުރަން ރާއްޖެއިން ބޭރަށް ފޮނުވުމުން ބޭރުގެ ކަރަތަކުގައި ތިއްބެވީ ގޮނޑި ދުއްވަން ކަމަށެވެ.

ނަމަވެސް އަދިވެސް ރައީސް ޔާމީން ހުންނެވީ ރައްޔިތުންނާ އެކުގައި ވަރަށް ސާބިތުކޮށް ކަމަށް ނިމާލް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ އެމްޑީއަށް ފާޑުވިދާޅުވެ ނިމާލް ވިދާޅުވީ ފެނަކައިން ކޮންމެ ސިކުންތަކުންވެސް އަންނަނީ ކޮރަޕްޝަނަށް މަގުފަހިވާ ޒާތުގެ ކަންތައްތައް ކުރަމުން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ޒިރޯ ޓޮލަރެންސް އޮތީ ލޯމެރިފައި ކަމަށްވެސް ނިމާލްގެ ވާހަކައިގައި ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...