މި ސަރުކާރަށް އާ ކަމެއް ކުރެވޭނީ ކުރިން ފަށާފައިވާ ޕްރޮޖެކްޓްތައް ނިންމުމަށްފަހު: ރައީސް ޔާމީން

މިހާރުގެ ސަރުކާރަށް ތަރައްގީގެ ގޮތުން އާ ކަމެއް ކުރެވޭނީ ކުރީގެ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ނިންމައިގެން ކަމަށް ތަރައްގީގެ މަގުގައި ގައުމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެސްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރަށް ތަރައްގީގެ އެއްވެސް މަސައްކަތެއް ފެށޭވަރުވާނީ އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރު ފަށާފައިވާ 272 މަޝްރޫއުގެ މަސައްކަތް ނިންމާފައި ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް މިހާރުގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާ ކަމަށް ބުނި ނަމަވެސް އެއްވެސް ރައްޔިތަކަށް އެމަންޒަރު ނުފެންނަ ކަމަށާއި ރާއްޖޭގައި އުޅޭ ރައްޔިތުންނަކީ ލޯފަން މީހުން ނޫން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ފައްކާކުރާނަމޭ ވިދާޅުވެ އަމިއްލައަށް މަލާމާތް ރައްދުވާ ވަރުގެ ވާހަކަތައް ދެއްކޭއިރުވެސް ލަދުގަންނަންވެސް މިހާރު ވެރިންނަށް ނޭންގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހެދީ އިބްރާހީމް ނާސިރު ކަމަށާއި އޭގެ ފަހުން އެއާޕޯޓް ތަރައްގީކޮށް ފައްކާކުރީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓް ކުއްޔަށް ދިނީ ނޫން ކަމަށާއި 70 މިލިއަން ޑޮލަރަށް އެއާޕޯޓް ވިއްކާލީ ކަމަށެވެ. އަދި ނުއަގުގައި އެއާޕޯޓް ވިއްކާލުމުން އަނބުރާ އެއާޕޯޓް ހޯދުމަށް އެމަނިކުފާނުގެ ވެރިކަމުގައި 300 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ ތަނުގެ ގޮތުގައި ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ކުއްޔަށް ދިނުމުގެ ނަމުގައި އެއާޕޯޓް ވިއްކާލީ އެގްރިމެންޓް ހަމަވުމުން އަލުން އާކުރެވޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ގައުމާއި ރައްޔިތުންގެ މަންފާއަށް އެއްވެސް ކަމެއް ކޮށްނުދީ މި އަހަރަށް ދައުލަތުން ފާސްކުރި ބޮޑު ބަޖެޓް އެއްކޮށް ހުސްކޮށްލުމަށްފަހު ދެވަނަ ފަހަރަށް ފާސްކުރި ބަޖެޓްވެސް ހުސްކޮށްފި ކަމަށެވެ. އަދި މުޅި ސަރުކާރުގެ ބަޖެޓް ހުސްވެއްޖެ ކަމަށާއި އޭގެ އިތުރުން އެމްއެމްއޭގައި ރައްކާކޮށްފައި ހުރި ދައުލަތުގެ ފައިސާކޮޅުވެސް ހުސްވި އިރުވެސް ތަރައްގީގެ މަޝްރޫއެއް ކުރިއަށްގެންދާ މަންޒަރުވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...