ދައުލަތުގެ ބަޖެޓް ހުސްވިއިރު މަގުބައްތިއެއް ޖެހުން ފިޔަވައި ސަރުކާރަށް އިތުރުކަމެއް ނުކޮށްދެވޭ: ލަތީފް

ބައްތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުސްވިއިރު ވެސް މަގު ބައްތިއެއް ޖަހާލުން ފިޔަވައި ރައްޔިތުންގެ މަންފާއަށް ސަރުކާރަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ ސަރުކާރުން މިއަހަރަށް ފާސްކުރެއްވި ބަޖެޓަކީ ދިއްދޫ ދާއިރާއަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ބޭފުޅާވެސް ވޯޓް ދެއްވައިގެން ފާސްކުރެއްވި ބަޖެޓެއް ކަމަށާއި ނަމަވެސް އެ ބަޖެޓް ހުސްވެ ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް ފާސްކުރެވިގެންދިޔައިރުވެސް އުއްމީދު ކުރެއްވި ގޮތަށް ދިއްދޫ ދާއިރާއަށް ވެސް އެހެން ދާއިރާއަކަށް ވެސް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ.

އަބްދުލް ލަތީފް ވިދާޅުވީ މިހާ ބޮޑު ބަޖެޓެއް ހުސްވެގެން ދިޔައިރު ރާއްޖޭގެ ސިއްޚީ ނިޒާމާއި ތަޢުލީމީ ދާއިރާ އަދި ގައުމުގެ މުސްތަގުބަލުކަމުގައިވާ ޒުވާނުންނަށް ބޭނުންވާނެ ހަމައެއްވެސް ކަމެއް ބަޖެޓުން ކޮށްދީފައިނުވާ ކަމަށެވެ. އެގޮތުން ކަންތައް ތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ބަޖެޓުގައި ހިމެނުއްވި ދާއިރާތަކުގެ ރަށްރަށަށް ވެސް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ދިއްދޫ ދާއިރާއަށް އެކަނިވެސް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދެވި ކަމަށާއި ނަމަވެސް މި ސަރުކާރުން ބައްތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުސްކޮށްލާ އިތުރު ބަޖެޓެއް ފާސްކުރިއިރުވެސް މަގު ބައްތިއެއް ޖަހާލުން ފިޔަވައި ކޮށްދެވުނު ހަމަ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެއާއެކު ރައްޔިތުންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިސަރުކާރު ގެނައުމަށް މަސައްކަތްތަކެއް ކުރެއްވި ކުރީގެ މެމްބަރު ލަތީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަގުތަކުގައި ތާރު އަޅާ މަގުތައް ހެދުމާއި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވައި ބޮޑު ހިލަޖަހާ ބަނދަރުތައް ހައްދަވާ ތައުލީމް ނިޒާމާއި ސިއްޚީ ދާއިރާ އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެއްވުމަކީ ހަޑި ހޭވުން ކަމުގައި ވާނަމަ މިސަރުކާރަށް ހެޔޮ ކަމެއްގެ އަގުވަޒަން ކުރަން ވެސް ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...