ހަފުތާ ބަންދުގައި ރައީސް ޔާމީން މާލެ އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފި

ކުރިއަށް އޮތް ހަފްތާ ބަންދުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އިދިކޮޅު ކޮންގްރެސް ކޯލިޝަން އިން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައި އިދިކޮޅު ކޮންގްރެސް ކޯލިޝަން އިން ތުލުސްދޫ ދާއިރާގެ ހަތަރު ރަށަކަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވަމުން ޝަޖާޢު ވިދާޅުވީ ހަފުތާ ބަންދާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރަން ހަމަޖެހިފައިވާ ދަތުރުފުޅު ފައްޓަަވާނީ ބުރާސްފަތި ދުވަހު ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ދިއްފުށްޓަށް ކަމަށެވެ. އެއަށްފަހު ހަމަ އެ ދުވަހު ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށާއި އެއަށްފަހު އެރޭ އެރަށުގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ ތުލުސްދޫއަށްފަހު ޖެހިގެން އަންނަ ހުކުރު ދުވަހުގެ މަންޒިލަކަށް ވާނީ ހުރާ ކަމަށާއި އެއަށްފަހު މި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ހޮނިހިރު ދުވަހު ދަތުރު ކުރައްވާނީ ހިންމަފުށްޓަށް ކަމަށެވެ.

މި ދަތުރުފުޅާއި ގުޅޭ ގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވުމުގެ ތެރެއިން ޝުޖާޢު އިތުރަށް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ދަތުރުފުޅު ތަކުގެ ސަބަބުން ސަރުކާރު ތެޅިފޮޅޭތަން ފެންނަމުންދާ ކަމަށާއި ރައީސް ޔާމީން އިސްވެ ހުންނަވައި މ.އަތޮޅަށް ކުރެއްވި ދަތުރުފުޅު އިޢުލާން ކުރެއްވި ހިސާބުން ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން އެއަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން އެރަށްރަށުގައި އެކިއެކި ކަންކަން ކޮށްދެއްވާނެ ވާހަކައާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވާހަކަތައް ފެށި ކަމަށެވެ.

ޝުޖާޢު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރައްވާ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކަމަށާއި، މިފަދަ ދަތުރުތައްކޮށް އަޑުއުފުލައިގެންވިޔަސް ރައްޔިތުންނަށް ދިމާވެފައިހުރި ދަތިތައް ޙައްލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ހުއްޓައި ނުލައްވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަތޮޅު ތެރެއަށް ފެއްޓެވި ދަތުރުފުޅުގައި މިހާތަނަށް ވަނީ ދެ އަތޮޅަކަށް ވަޑައިގަންނަވާފައެވެ. އެގޮތުން މ.އަތޮޅުގެ ބައެއް ރަށްތަކާއި އދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ދަތުރު ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ފ.އަތޮޅަށް ދަތުރު ކުރެއްވުމަށް ނިންމެވި ނަމަވެސް މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ރައީސް ޔާމީންގެ ޓީމް ވަނީ އެނބުރި މާލެ ވަޑައިގަންނަވާފައެވެ.

ނަމަވެސް އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު ހާލުގައި ޖެހިފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަޑައިގަންނަވާފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...