މަކަރުވެރި ރޭވުމުގެ ތެރެއިން ސަރުކާރުން ފާސްކުރި ޓެރަރިޒަމްގެ މާއްދާތައް ބާތިލު ކުރާނަން: ސުޖާއު

ސަރުކާރުން ޓެރަރިޒަމް ޤާނޫނަށް ބަދަލުގެނައި މަކަރުވެރި ނުބައި ރޭވުމެއްގެ ދަށުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ ދުވަސް ދުއްވާލުމަށް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ޝުޖާއު ވަނީ އެ ބޭފުޅުންގެ ވެރިކަމެއްގައި ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެނައި އިޞްލާޙުތައް ބާތިލް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވަކި ގޮތަކަށް ފަރުމާކޮށް ކުއްލިއަކަށް ޓެރަރިޒަމްގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމާއެކު ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ޤާނޫނަށް ހުށަހެޅި އިޞްލާޙުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ފުލުހުންނަށް ދިން ބާރުތަކުގެ ތެރޭގައި ކޯޓު އަމުރެއްނެތި މީހުން ހައްޔަރު ކުރުމާއި ބަރަހަނާކޮށް ބަލައި ފާސްކުރުން ހިމެނެއެވެ.

ސަރުކާރުން ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ހުށަހެޅިއިރު ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންގޮސް ހައްޔަރުގައި 48 ގަޑިއިރު ގެންގުޅެވޭނެގޮތައް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ މާއްދާ ވަނީ ކުރިންވެސް އޮންނަ ގޮތަށް އެނުކުތާ ވަނީ 24 ގަޑި އިރަށް ބަދަލުކޮށްފައެވެ.

ނަމަވެސް ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭ ގޮތައް އޮތް ބަޔަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން މިއިސްލާހުތައް ރައީސް ތަސްދީގު ކުރެއްވުމާއި އެކު ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެއެވެ.

ގިނަ ބައެއްގެ ނުރުހުމާއި ދެކޮޅަށް ސަރުކާރުން ޓެރަރިޒަމް ޤާނޫނަށް ބަދަލުގައިވާ ގޮތުން ސިޔާސީ ވަކި ފިކުރެއް ކުރިއެރުވުމަށް ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

މީގެ އިތުރުން މި ޤާނޫނުން ވަނީ ޓެރަރިސްޓު ޖަމާއަތްތަށް ކަނޑައެޅުމާއި އެފަދަ ޖަމާއަތްތަކަށް މީހުން ފޮނުވުން އަދި އެފަދަ ޖަމާއަތްތަކާއި އެއްކޮޅަށް ވާހަކަ ދެއްކުން މަނާކޮށްފައެވެ. އަދި މިފަދަ ކުށެއްކޮށްފިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމަށް ނޫނީ ބަލާ ފާސް ކުރުމަށްވެސް ކޯޓު އަމުރެއް ބޭނުން ނުވާ ގޮތަށް ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...