މައުމޫނަކީ ޓެރަރިސްޓެއްގެ ގޮތުގައި ޖާބިރު ސިފަކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްޤައްޔޫމަކީ ޓެރަރިސްޓެއް ކަމަށް ސިފަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަދައްކަވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ގެނައުމުގެ ކެމްޕޭނަށް ޚަރަދު ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަތުން ނެގި ފައިސާ އަނބުރާ ނުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޖާބިރު ވިދާޅުވެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނެސް އެ ބިލު ފާސްކުރުމަށް މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ކުރީގައި ތިބި ރައީސުންނަށް އޭނާ އިތުބާރު ނުކުރާ ކަމަށާއި ނަމަވެސް މިހާރުގެ ރައީސްއަށް އިތުބާރު ކުރާކަމަށެވެ.

"މަސައްކަތް ކޮށްގެން ރައީސަކު ހޮވާ ރައީސްއަށް ބާރުތަކެއް މިދެނީ ކީއްވެތޯ؟ ރައީސުލްޖުމްހޫރިއްޔާ އަކު ވެސް މީހަކު އަތުން ލާރި ނަގައިގެން ހެއްކެއް ނެތޭ ކިޔައިގެން ހުންނަންޏާ އެމައްސަލަ ބެލޭނެ. އެއަށް ކިޔާނީ ޓެކްމާއި، ފޭރުމާއި ވައްކަން ކުރުން." ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ މައުމޫން އޭނާގެ އަތުން ފައިސާ ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މައުމޫން ފިއްލާފައިވާ ކަމަށެވެ.

"ރައީސް މައުމޫން ފިލައި ރައްކާވެއްޖެ މިހާރު. ފުލުސް އޮފީހަށް ހާޒިރުނުވާން. އެވެސް ޓެކްމާއި ފޭރުން. އެއީ ޓެރަރިޒަމްގެ ހަރަކާތެއް. ނުލާހިކު ބުރަ މަސައްކަތް ކޮށްގެން މީހަކު ލާރި ހޯދީމަ އެލާރި ފޭރިގަނެގެން ވެރިކަމަށް ގެނެވުނީމާ އެމީހާއަށް މަކަރާއި ހީލަތް ހަދައި ދޯކާދީ، މިއަށް ކިޔަނީ ޓެރަރިޒަމް. އެބައި މިޤާނޫނުގައި އިންނާނެތާ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނު ފާސްވެގެން ދިއުމުން "އެކަން އޮޕަރޭޝަނަށް އަންނާނެ ކަމަށްވެސް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހަށް އޭނާ ތާއިދު ކުރައްވާ ކަމަށާއި އިންޑިއާ ކަނޑާއި ރާއްޖޭގެ ސަލާމަތައް ފިޔަވަޅުތައް އަޅަން ތާއިދު ކުރައްވާ ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...