ލިވަރޕޫލް އާއި ޔުވެންޓާސް އަދި ބާސެލޯނާ ކުޅުނު މެޗުތަކުން މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފިލްޑް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދުމަށްފަހު ލީގު ތާވަލުގެ އެއްވަނަ މަގާމަށް ލިވަރޕޫލް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުގައި ޝެފިލްޑް ޔުނައިޓެޑްގެ މައްޗަށް ލިވަރޕޫލް ކުރި ހޯދީ 1-0 ގެ ނަތީޖާ އިންނެވެ.
މެޗުގެ ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަރޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ލިވަރޕޫލުގެ ފޯވާޑުން ދިޔައީ ފުލުފުލުގައި ޝެފިލްޑް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ލިވަރޕޫލުން ވަނީ އެޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ލިވަޕޫލަށް ލީޑު ނަގައިދިނީ ޖިއޮޖީނިއޯ ވައިނަލްޑަމްއެވެ.
މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު 21 ޕޮއިންޓް ލިބިފައިވާ ލިވަޕޫލް ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައިވާ މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. އަދި ވެސްޓް ހަމް ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުގައި ފަސޭހަ ކަމާއިއެކު ސްޕެލް ބަލިކޮށް ވަރުގަދަ ޔުވެންޓާސް އިން ވެސް ލީގުގެ އެއްވަނަ އަށް އެރުމުގެ އުންމީދު އާކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުވެންޓާސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ޔުވެންޓާސްގެ ކުޅުންތެރިން ވަނީ ސްޕެލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ސާމީ ކެދީރާ ފޮނުވާލި ހަމަލާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.
އެނަތީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޔުވެންޓާސް އިން ވަނީ އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ކެދީރާގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ 45 މިނެޓުގައި ޔުވެންޓާސް އަށް ލީޑު ހޯދައިދިނީ ޕިޖެނިކްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުވެންޓާސްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ހަމަލާތައް ވަރުގަދަ އެޓޭކިންގް ގޭމެކެވެ. އެގޮތުން ސްޕެލްގެ ގޯލަށް ފުލުފުލުގައި އުފައްދަމުންދިޔަ ހަމަލާތަކުގެ ތެރެއިން މެޗުގެ 78 ވަނަ މިނެޓުގައި ޔުވެންޓާސް އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. ދިބާލާގެ އެހީތެރިކަމާއެކު ޔުވެންޓާސް އަށް ލީޑު ފުޅާކޮށްދިނީ ރޮނާލްޑޯއެވެ.
މި ނަތީޖާއާއެކު ލިބުނު 16 ޕޮއިންޓާއެކު ޔުވެންޓާސް އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

ސްޕެނިޝް ލަލީގާގައި 10 ކުޅުންތެރުންނާއިއެކު ކުޅުނު ބާސެލޯނާއިން ގެޓާފޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
އެއް ކުޅުންތެރިޔަކު މަދުން ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.
އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ނުލާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ގިނަ ގެޓާފޭގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ. އެ ގޮތުން ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ވަނީ މި ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ނަމަވެސް ސުއަރޭޒް ވަނީ މެޗުގެ 41 ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ހޯދައިދީފައެވެ. އެއާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއިން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ބާސެލޯނާއިން ވަނީ އިތުރު ލަނޑަކާއެކު ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދިނީ ފިރްޕޯ ޖޫނިއާއެވެ. މި ލަނޑަށްފަހު ވެސް ބާސެލޯނާއިން ވަނީ ގެޓާފޭގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މި މެޗުގެ ނަތީޖާއަށްފަހު ބާސެލޯނާ އޮތީ ލިބުނު 13 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 15 ޕޮއިންޓް ލިބިފައިވާއިރު މެޗުން ބަލިވި ގެޓާފޭ އޮތީ 7 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައިގައެވެ
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.