ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވަން މި ސަރުކާރަށް ނުކެރޭނެ: އަބްދުއްރަހީމު

ރައިސް ޔާމީންގެ ސަރުކާރުން ޤައިމުކުރި ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވަން މި ސރުކާރަށް ނުކެރޭނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމު މިހެން ވިދާޅުވީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވައި އެތަނުގެ ބައެއް ޚިދުމަތްތައް ދޭން ފަށާފައިވުމުން އެކަމަށް ފާޑުވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެތަން ރަސްމީކޮށް ނުހުޅުވައިގެން އުޅެނީ ސަރުކާރަށް އެކަން ކުރަން ނުކެރޭތީ ކަމަށެވެ. އަދި އެ އިމާރާތް ރަސްމީކޮށް ހުޅުވަން ބާއްވާ ޖަލްސާގައި މި ސަރުކާރުގެ އިސްވެރިން ދައްކާނީ ކޮން ވަހަކައެއް ކަމާ މެދުވެސް އަބްދުއްރަހީމު ސުވާލު އުފެއްދިއެވެ.

އަދި އެތަނަކީ އައިޖީއެމްއެޗްގެ ބައެއް ކަމަށް ސަރުކާރުން ވިދާޅުވެފައިވަނީ، އެތަން ރަސްމީކޮށް ހުޅުވާނަމަ ހުޅުވާ ޖަލްސާގައި ކިޔާނެ އެއްޗެއް ނޭނގޭތީ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެންނެވެ.

އެ ހޮސްޕިޓަލްއިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުނިންނެވެ. 25 ބުރީގެ އެ އިމާރާތް ދެ އަހަރު ތެރޭ ވަނީ އެއްކޮށް ނިންމާލާފައެވެ.

މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެއް ކަމަށާއި އެތަން ދެން ރަސްމީކޮށް ނުހުޅުވާނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ބިނާ ކުރީ މުޅިން ވަކި ހޮސްޕިޓަލެއްގެ ގޮތުގައެވެ. އަދި މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތައް ދަރުމަވަންތަ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ނަމުގައި ކުންފުންޏެއް ހަދާ އެ ކުންފުނީގެ ދަށުން ހިންގަން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލު ވަޑައިގަތުމާއެކު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން މަސައްކަތް ކުރެއްވި އެއް ދާއިރާ އަކީ ސިއްޙީ ދާއިރާއެވެ. އެގޮތުން އެމަނިކުފާނުގެ މި ދައުރުގައި ރާއްޖެއަށް މިވަނީ ސިއްޙީ ގޮތުން ބޮޑު އިންޤިލާބީ ބަދަލެއް އައިސްފައެވެ.

މިއީ އެއްވެސް ރައްޔިތަކަށް ދެބަސް ވެވެންނެތް ހަޤީޤަތެކެވެ. އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމާ މާލޭގެ ސިއްޙީ ނިޒާމަށް ރައީސް ޔާމީންގެ ޒަޢާމަތުގައި ބަލާލި ކަމުގައި ވިޔަސް ފެންނަމުންދިޔައީ ކުރިއެރުމެވެ.

ރައީސް ޔާމީންގެ އަމާޒަކީ ދިވެހިން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާމިންވަރު ކުޑަކޮށް، ރާއްޖެއިން ބޭރުން ލިބޭ ބޭސްފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފްކޮށް ފުޅާކުރުމެވެ.

އެގޮތުން ސިއްޙީ ދާއިރާއަށް ރައީސް ޔާމީން ދެއްވި އަހަމިއްޔަތުގެ އެއް ހެއްކަކީ މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އުސް އިމާރާތް މި ދާއިރާއަށް ހާއްސަ ކުރުމެވެ. 25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހިންގެ އުންމީދުތަކާ ނުހަނު ބޮޑަށް ގުޅިފައިވާ އިމާރާތެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...