ފުރަތަމަ ފަހަރަށް ދައުލަތުގެ ދަރަނި 50 ބިލިއަނަށްވުރެ މަތިވެއްޖެ

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ދައުލަތުގެ ދަރަނީގެ އަދަދު 50 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މީގެ ހަމަސް ކުރިން ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ ހަމަސް ނިމުނުއިރު ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ އަދަދު ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރާފައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަނީގެ ގޮތުގައެވެ. އެގޮތުން އެތެރޭގެ ދަރަނީގެ ގޮތުގައި 29.7 ބިލިއަން ރުފިޔާ އަރާއިރު އެއީ މުޅި ދަރަނީގެ އަދަދުގެ 58 އިންސައްތަ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ބޭރުގެ ދަަރަނި 21.3 ބިލިއަން ރުފިޔާއަށް އަރާއިރު، އެއީ ދަރަނީ އަރާ ޖުމްލައިގެ 42 އިންސައްތައެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އެތެރޭގެ ދަރަނީގެ ބޮޑު ބައެއް ހިއްސާ ވެފައި ވަނީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑުގެ މައްޗަށެވެ. އެގޮތުން މިދިއަ ހަ މަސް ދުވަސްތެރޭ 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ވަނީ ފައިސާ ހޯދާފައެވެ. އޭގެ ތެރެއިން ކޮމާޝަލް ބޭންކްތަކަށް ވިއްކި އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާއިރު މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު 819 މިލިއަން ރުފިޔާ ކަމަށެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ. މީގެ އިތުރުން މިދިއަ ހަ މަސް ދުވަަސް ތެރޭގައި ސަރުކާޜުން ވަނީ ބޭރުގެ އެކި ފަރާތް ތަކުން 733.5 މިލިއަން ރުފިޔާގެ ލޯނު ނަގާފައި. ރާއްޖޭގެ ދަރަނީގެ ތެރޭގައި ބޭރުގެ ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހޭދަ ހިމެނެއެވެ.

ދައުލަތުގެ ދަރަނި 50.9 ބިލިއަން ރުފިޔާއަށް އަރާފައިވަނީ ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީތައް ނުލައެވެ. ސޮވެރިން ގެރެންޓީތަކާއި އެކު ދައުލަތުގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 60 އިންސައްތައަށްވުރެ މަތީގައެވެ.

މިއާއެކު ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާއި ޚިލާފު ދައުލަތުގެ ދަރަނީ ވަނީ އުފުލިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭރު ގައުމުތަކުން ލޯނު ނަގައިގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް އަޑު ފެތުރި ބޭފުޅުންގެ ވެރިކަމެއްގައި ދައުލަތުގެ ދަރަނީ މީގެ ކުރިން ދުވަހަކުވެސް އުފުލިފައި ނުވާހާ މައްޗަށް ދިއުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...