ދިވެހި ސިފައިން ދެއްކީ ރީތި ނަމޫނާއަށް ތައުރީފް ހައްގު: އާދަމް ޝަރީފް

- ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު -

މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަމިއްލަ ފުރާނައަށް ވުރެ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށްޓަކައި ދިވެހި ސިފައިން ދެއްކި ނަމޫނާއަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ތައުރީފް ކުރައްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި ސިފައިންނާއި ، ފުލުހުންނަކީ އަބަދުވެސް ރައްޔިތުންނަށް ދިމާވާ ކޮންމެ ފަދަ ހާލަތެއްގައި އެންމެ ކައިރިން އެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންކަމަށެވެ.

ދިވެހި ސިފައިންނަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ގައުމަށް ދިމާވާ އެއްވެސް ހާދިސާއެއްގައި ސިފައިން ގައުމު ދޫކޮށް ނުވަތަ ރައްޔިތުން ބިކަ ހާލުގައި ޖެހޭތަން ބަލަން ނުތިބޭނޭ ކަމަށެވެ. އެއަށްވުރެ ސިފައިންނަކީ ހުޝަޔާރު އަދި ހިތްވަރުގަދަ ބައެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި އެހާދިސާ އެހާ ގާތުން ބަލަން ޖެހުނީ ސިފައިންނަށް ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތް ކުރައްވާފައި ހުރި ބޭފުޅަކަށް ވުމާއެކު ސިފައިން ހިތްވަރާއެކު ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެ ބޭފުޅުން ކުރައްވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

އެގޮތުން އެ ބިރުވެރި ވަގުތުގައިވެސް ދިވެހި ސިފައިން ދެއްކި ރީތި ނަމޫނާއަކީ ފަޚިރުވެރިވާ ފަދަ ނަމޫނާއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރކަން ވެސް ކުރިން ކުރައްވާފައިވާތީ އެ ހާދިސާ ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ކުރީ ސަރުކާރުގައިވެސް އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ވަރަށް ގިނަ ހަރަކާތްތައް ހިންގުނުކަމަށެވެ. އަދި ވަކިން ޙާއްސަގޮތެއްގައި މާލޭގައި ގުދަން ކުރުމުގައި މަނާ ތަކެތި ގުދަން ކުރޭތީ ދިވެހި ސިފައިން މެދުވެރިކޮށް ބަލާ ފާސްކުރި ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ތަންތަނުގައި އެފަދަ ބާވަތްތައް ކުނދަން ކުރޭތޯ ވަރަށް ބޮޑަށް ބެލެވުނު ކަމަށާއި އަދި އެފަދަ ގޮތަކަށް ކެމިކަލްތައް ކުދަން ކުރާ ފަރާތްތަކާއި މެދު އަޅަންޖެހުނު ފިޔަވަޅުތައްވެސް އަޅާފައިވާނޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ހާދިސާތަކެއް ހިނގައިފި ކަމުގައިވަނީ ނަމަ ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރީ ސަރުކާރުން ކުރި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މާލޭގައި ހައިޑްރޭންޓް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތްތަކެއް ވަރަށް ޙާއްސަ އިސްކަމެއް ދީގެން ކުރެވުނު ކަމަށާއި ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް އެމްއެންޑީއެފްއަށް ބޭނުންވާނެ ތަކެތި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރެވުނު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ދަތުރުފަތުކުރާ އުޅަނދުފަހަރުގައިވެސް އަލިފާނުގެ ހާދިސާތަކެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް ހުރިތޯ ބެލުމަށްޓަކައި ސީދާ އުޅަދުފަހަރަށް އަރާ ބަލާފައިވާނޭ ކަމަށްވެސް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...