މާރިޔާ އަގު ވައްޓާލި މުއައްސާސާތަކުން ދެއްކީ ތައުރީފު ހައްގު މަސައްކަތެއް!

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިމާވި އުދުވާނި ހަމަލާގައި ދިވެހި ސިފައިން ދެއްކި ހިތްވަރާ ފަންވަރަކީ ޝުކުރު ހައްގު ކަމެކެވެ.

ތިމާމެންގެ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެދުވަހު ދިވެހި ޤައުމީ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތް ބައެއް ބޭފުޅުން ބަލައިގަނެފައި ނުވާ އިރު އަނެއް ބައި ބޭފުޅުން ވިދާޅުވެފައިވަނީ އެ ދުވަހު ދިވެހި ސިފައިން މައިދާން ދޫކޮށް ދުވެ ފިލީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއީ ނޫންކަން ދިވެހި ކޮންމެ ފަރުދަކަކށްވެސް އެނގޭނެއެވެ.

ޤައުމަށް ދިމާވާ ކޮންމެ ޚައްޞާޞު ދަނޑިވަޅެއްގައި ފުލުހުންނާ ސިފައިން ކަށިން ހިތްވަރު ނެރެގެން ތިމާ މެންގެ އާއިލާތަކަށްވުރެ ވެސް ޤައުމު އިސްކޮށް އެ ދައްކާ ހިތްވަރަކީ ތައުރީފު ހައްގު ކަމެކެވެ.

އެގޮތުން ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ރޭގައި ގ.އަބަދަށް ފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިވެހި ޤައުމި ސަލާމަތީ ބާރުތަކުން އެ ދެއްކި ހިތްވަރަކީ ހަމަ އަޖައިބުކުރުވަނި ފަދަ ކަމެކެވެ. އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ރޯވެފައި ހުރި އަލިފާން ގަނޑުގެ ތެރެއިން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔައީ ޖެހިލުން ކުޑަކަމާއެކުއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވަމުން ދިޔަ ސިފައިން މަސައްކަތް ކުރީ މުޅި ސަރަހައްދުގައި ދުން ފެތުރޭތީ، ކަންބަލަން ތިބި މީހުން އެ ސަރަހައްދުން ދުރު ކުރުމަށެވެ.

އެތަނުގައި އެހީވާން ގޮސް ތިބި އާންމުންގެ މީހުން ވަގުތުން އެކަމުގައި ސިފައިންނާއި ފުލުހުންނަށް އެއްބާރުލުންދީ މީހުން ދުރުކުރުމުގެ މަސައްކަތް ފެށި އެވެ. މުޅިތަން ކޯޑަން ކުރުމުގައިވެސް އެ މީހުން އުޅުނެވެ. އަމިއްލަ ނަފްސަށް ބެލުމަށް ނެތި އެ މީހުންގެ ދަރުމަވެރި މަސައްކަތް ފެށީ އެވެ.

އަލިފާންގަނޑު ކޮންޓްރޯލު ކުރަން ފަޔާ ލޮރީތައް ވައްދަން ޖެހުނީ ހަނި ގޯޅިތަކަށެވެ. އެ ގޯޅިތަކުގައި ސައިކަލުތައް ޕާކްކޮށްފައި ހުރި ގޮތުން ލޮރީތައް ވައްދަން ލަސްވި މަންޒަރު ފެނިގެންދިޔައެވެ.

އެ ސައިކަލުތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން ފެށުމުން، ދަރުމަވެރިންވެސް އެކަމުގައި ބައިވެރިވެ ފަޔާ ލޮރީތަކަށް ވަދެވޭނެ ޖާގަ ހެދި އެވެ. ބޮޑެތި ކާރުތައް ފަދަ ވެހިކަލްތައްވެސް ނެރުމުގައި ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރިއެވެ.


އަލިފާން ނިއްވަން ފެން ޖެހުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއުއިން ކުރަމުން ދިޔަ އިރު، ފެން ހޮޅިތައް ޖެހުމާއި ފެން ދައުރުވާން އެހީތެރިވުމުގައި އާންމުން އުޅުނެވެ. ސިފައިން ފެން ހޮޅިތައް އަނބުރާލަން ބޭނުންވި ގޮތަކަށް ނުވަތަ އުފައްލަން ބޭނުންވި އުސްމިނަކަށް އުފުލުމަށް އެމީހުން ފޯރިއާއެކު އެހީތެރިވަމުން ދިޔައެވެ.

އުސް އިމާރާތްތަކުގައި ތާށި ވެފައި ތިބި މީހުން ސަލާމަތްކުރުމަށް ބޯ ދުންތަކުގެ ތެރެއިން އެއްވެސް އަލިކަމެއް ނެތި މަސައްކަތް ކުރީ ފަހުން ވެދާނެ ގޮތަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ.

ޤައުމީ ޚިދުމަތުގައި ރޭދުވާ ހޭދަކުރާ އެ މުއައްސަސާތަކުގެ މުވައްޒަފުން ޤައުމީ ވާޖިބު އަދާކުރުން މަތީ ދެމިތިބީ ވަމުން ދިޔަ ހޫނަކަށް ނުބަލައެވެ. ﷲގެ ރަހުމަތުން ހަމަ އެ ވަގުތާ ދިމާކޮށް ވާރޭ ވެހެން ފެށިއެވެ.

ނަމަވެސް ސަލާމަތީ ބާރުތަކުން ކުރަމުން ދިޔަ މަސައްކަތުގައި އެބޭފުޅުން އިންޗިއެއްވެސް ފަހަތަށް ޖެހި ނުލައެވެ. ފަސް ގަޑިއިރުގެ ބުރަ މަސައްކަތައްފަހު އަލިފާންގަޑު ކޮންޓްރޯލު ކުރެވި ނިވާލެވުނެވެ.

ދިވެހި ރައްޔިތުންގެ ހިތްތަކަށް ފިނިކަމެއް ލިބިގެންދިޔައެވެ. މި ހިނގާ ދިޔަ ކަންކަމުގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގެ ވާހަކައަށް ވެސް ބަލާލަމާދެއްތޯއެވެ. މީހުން ސަލާމަތް ކުރުމާ ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ގެއްނދިޔައިރު އެކަމަނާ އެ ސަރަހައްދުގައި ހުއްޓެވެ. މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން އެކަމަނާގެ ހިތްޕުޅަށް އަރަމުން ދިޔަ ކަންކަން ސާފުވާހާ ވެއެވެ.

ފުލުހުންނާ ސިފައިން މި ކުރާ ޤައުމީ ޚިދުމަތުގެ ނުރައްކާތެރިކަމާ އެ ޤުރުބާނީގެ ހުރި އަސަރު ފެނި މީގެ ކުރިން އެކަމަނާގެ މަލާމާތްރައްދުވި މުއައްސަސާތަކުގެ ދިފާއުގައި ބަސްބުނަން އެކަމަނާއަށް މަޖުބޫރު ވެގެން ދިޔައެވެ.

އެގޮތުން މާރިޔާ ވިދާޅުވެފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްކުރަން ދިފާއީ ބާރުތަކުން މަސައްކަތް ކުރީ ފުރާނަ އަތްމައްޗަށް ލައިގެން ތިބެ ކަމަށެވެ. އެކަމަނާއަށް އެވަރު ވިސްނުނީތީވެސް ހަމްދު ކުރަމެވެ.

ކޮންމެ އަކަސް ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ ހިނގައިގެން މިދިޔައީ މާލޭގައި މި ފަހުން ހިނގި އެންމެ ބިޔަ ބިރުވެރި އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް އެތައް އާއިލާތަކަށް ލިބިގެން ދިޔަ އެވެ. އެ ހިތާމައިގެ ތެރެއިން ހިތްތަކަށް ކުޑަވެސް ފިނިކަމެއް ލިބުނީ، ދިވެހީންގެ ފަރާތުން ޒަމާންތަކަށް ފަހު މި ފެނުނު އެއްބައިވަންތަކަމުންނެވެ.

ހަމަ މިނޭވާގައި ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ ބިދޭސީން ހާއްސަކޮށް ބަނގުލަދޭޝް މަސައްކަތްތެރިން ދިވެހިންނަށް އެހީވުމަށް ކޮށްދިން މަސައްކަތްތަކާއި އިހުސާންތެރިކަމެވެ. އެއީ ތައުރީފު ހައްގު މަސައްކަތެކެވެ.

ކޮންމެ އަކަސް ހ. ތިލަފުށީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން މީގެ ކުރިން ދިވެހި ޤައުމީ ސަލާމަތީ ޞާރުތަކުގެ އަގު ވައްޓާލާ އެ މުއައްސަސާތަކުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ބަޔަކަށް ކުރެވިއްޖެއެވެ.

އަގު ވައްޓާލި މުއައްސާސާތަކުން ދެއްކީ ތައުރީފު ހައްގު މަސައްކަތެވެ. އޭގެ ސަބަބުން އެއްކަލަ މަލާމާތާ ފުރައްސާރަ ރައްދުކުރި ދޫތަކުން މިޖެހުނީ ތައުރީފުގެ ބަސްތައް އޮއްސާށެވެ. ދިވެހި ޤައުމީ ބާރުތަކުން ތިޔަ ދެއްކެވި ނަމޫނާއަށް އައްސަރި ބަހާއި ސާބަހެވެ.

އަޅުގަޑުމެން ދިވެހިންގެ ހައްގުގައި ތިޔަ ދެ މުއައްސަސާއިން ވަމުން ގެންދާ ޤުރުބާނީތަކަކީ އަބަދުވެސް އަޅުގަޑުމެން ދިވެހިން ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ ޝުކުރާއި ތައުރީފު އަބަދުވެސް އޮހޭނެ މަސައްކަތެވެ.


ދިވެހި ފުލުންނާއި ސިފައިން ތިޔަ ދައްކަވާ ނަމޫނާ ހިތްވަރަށް


    އައްސަރި ބަހާއި ސާބަސް ފޮނުވަނީ ހެޔޮ ހިތުން ތިޔަ އަރިއަހަށް


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...