ރައީސް ޔާމީންގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑު އެހުން ތާވަލްކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 9:30 ގައި ބޭއްވުމަށެވެ. މި މައްސަލައިގާ މީގެ ކުރިން ވަނީ ތިން އަޑުއެހުމެއް ބާއްވާފައެވެ

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ރައީސް ޔާމީން އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގައި ނިންމާލާފައެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އާއި ކުރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވެއިޒްގެ ހެކިބަސް އެ ދުވަހު ވަނީ ނަގާފައެވެ.

މި މައްސަލައިގައި ދައުލަތުން އަށް ފަރާތެއްގެ ނަން ހުށަހަޅާފައިވާއިރު މިހާރު ހެކި ބަސް ނުނަގާ ވަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެއެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފައެވެ. އެހެންވެ ދައުލަތުން ވަނީ ލުތުފީ ފުލުހުންނަށް ބަޔާން ދެއްވިއިރު، ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތަށް ހުށަހަޅުއްވައިފައެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ހަސަން ޒިޔަތު ވެސް ވަނީ ހެކިބަސް ދެއްވާފައެވެ. އެބޭފުޅުންނަކީ އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ހުކުމްކޮށްފައިވާ އަދި އެ ދެ ބޭފުޅުން ވަނީ ގާނޫނާއި ޚިލާފް ކަންތައްތައް ތަކެއް ކުރެއްވި ކަަމަށް އިއުތިރާފްވެ ވަޑައިގަންނަވާފައެވެ.

މި މައްސަލާގައި ދެ ފަރާތުން ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށްފަހު، މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދެން ބާއްވާ އަޑުއެހުމެއްގައި ލުތުފީ ބަޔާން ދެއްވި ވީޑިއޯ ރެކޯޑިން ބެލުމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އޭސީސީއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ ފައިސާ އިސްލާމިކް ބޭންކްގައިވާ އެކައުންޓަކަށް ޖަމާކޮށް މާލީ މަންފާ ހޯއްދެވިކަމުގެ ތުހުމަތުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...