ސެޕްޓެމްބަރު ދިހައެއް އެގާރަ ރާއްޖޭގައި އެންމެ ފަހުން ނުކުތް ދިވެހި ފިލްމު!

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވަލިޔުއްލު އަމުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރިޟްވާން މައްސަލާގައި އެމަނިކުފާނު ހުންނެވީ ދޫދެއްވާގޮތަކަށް ނޫންކަމަށާއި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެކަމަށެވެ.

އަދި ހައްޔަރު ކުރަންޖެހޭ ބަޔަކު ތިބިނަމަ އެކަންވެސް ކުރައްވާނެކަމަށާ، އެގޮތުން ބައެއް ފިޔަވަޅުތައް ހަމަ އެދުވަހުން އެދުވަހަށްވެސް އަޅުއްވާނެ ކަމަށްވެސް ރައީސް ޞޯލިހު ވިދާޅުވިއެވެ. އެހެންނަމަވެސް އެދުވަހުގެ އިރު ދުނިޔެ އާ އަލްވަދާއުކިޔާ އާ ދުވަހަކަށް އިރު އަރައިގެން އައިރު ވެސް އެފަދަ ކަމެއްގެ ހިލަމެއްވެސް ނުވެއެވެ.

ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އެދުވަހަށް ދުނިޔެ އާ އަލްވަދާއުކިޔަން މިސްރާބު ޖަހާލިއެވެ. ދިވެހި ރާއްޖޭގެ ވެރިރަށް ފުރަ މާލޭގެ މަގުތަކުގައި ކުއްލިއަކަށް މޫނު ނިވާ ކޮށްގެން ތިބި ފުލުހުން ހަރަކާތްތެރިވާން ފެށި މަންޒަރު ފެނިގެންދިޔައެވެ. މާލޭގެ ބައެއްގެ ތަކާއި އައްޑޫ ސިޓީގެ ބައެއް ގެތަށް ރެއިޑް ކުރިއެވެ.

ފުލުހުން ތިބީ މޫނުގައި މާސްކު އަޅައި ބައެއްކަހަލަ ލުއި ހަތިޔާރުވެސް ހިފައިގެންނެވެ. ގޭގޭގައި ތިބި ކުޑަ ކުދިންނަކަށް މުސްކުޅިއަކަށް ބެލުމެއްނެތި އަދި އެއިން މީހަކަށް ނަފްސާނީ ގޮތުންވެސް ލިބިދާނެ ގެއްލުމަކަށް ފުލުހުންގެ އިސްވެރިންނާ ހޯމު މިނިސްޓަރުވެސް ވިސްނާލެއްވި ހެނެއް ހިއެއް ނުވެއެވެ.

މި އޮޕަރޭޝަން ހިންގަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެންކަމަށް ވެސް ފުލުހުން މީޑިއާތަކަށް އޭރު މައުލޫމާތު ދިނެވެ.

މަރުވެފައިވާ ނޫސްވެރިޔާ ރިޟްވާންގެ އާއިލާ، ރަށްޓެހިން އަދި އެނޫންވެސް މީހުންނަށް ހީވީ، އެކަމުގައި ޝާމިލް ވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ތުހުމަތުކުރި މީހުން ހައްޔަރުކުރަން ފުލުހުން އޮޕަރޭޝަނެއް ފެށީކަމުގައެވެ. އަދި ކުޑަ ވަގުތުކޮޅަކަށް ތުހުމަތު ކުރެވޭ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. މީޑިއާތަކުން އެ މީހުން ހައްޔަރު ކުރީ ކަމަށް ރިޕޯޓު ކުރިނަމަވެސް ފަހުން ފުލުހުންވަނީ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ބުނެފައެވެ. އެކަމުގައި އޮޅުވާލެމެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން، ރިޟްވާން ވަގަށް ނަގައިގެން ގޮސް މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްޤައިދާ ޖަމާއަތުގެ ގޮތްޕަކުންނެވެ. އަދި އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަންތައްވެސް އެ ރިޕޯޓުގައިވެއެވެ. އަދި އެކަމަށް ޚަރަދުކުރި މީހުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަންތައްވެސް ވަނީ ރިޕޯޓުގައި ހިމެނިފައެވެ. ނޫސްވެރިންނާއި ބައްދަލުކޮށް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ދެއްކެވި ވާހަކައިގައި އެ ކަން ކުރި އެންމެން އެނގޭ ކަމަށް ބުނެފައިވެއެވެ.

މިހެން ސުއޫދު ވިދާޅުވެފައި ވުމުން، އެންމެން ވެސް އުންމީދު ކުރީ ފުލުހުންގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރު ކުރާތަން ފެނުމެވެ. އެހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބަޔަކު މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ އާންމުންގެ ސަލާމަތަށްވެސް ނުރައްކާ ވާނެކަމަކަށް ވާތީއެވެ. އެކަމަކު އޮޕަރޭޝަން ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ދޭހަވަނީ ފުލުހުން ލައްވާ ސަރުކާރުން ކުޅުވީ ޑްރާމާއެއްކަމެވެ. ބައެއް ތަންތަން ރެއިޑުކޮށް ހެކި ހޯދުމުގެ ނަމުގައި ފާސް ކޮށްފައިވެއެވެ.

މީގެ 5 އަހަރު ކުރިން ހިނގި ކަމެއްގެ ހެކި މިހާރު ހުންނާނެ ކަމަށް ޤަބޫލު ކުރަނީ ކިހިނެތްތޯއެވެ. އަދި ހެއްކެއް ހުއްޓަސް ކޮމިޝަނުގެ ރިޕޯޓު ނެރުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެތައް ދުވަހެއް ވެފަ އިވާއިރު، ހުރި ހެއްކެއް ނައްތާލުމަށް އެކަށީގެންވާ ވަގުތުވެސް އެކަން ކުރަން ބޭނުން މީހަކަށް ވަނީ ލިބިފައެވެ.

އެހެން ކަމުން މޫނުގައި މާސްކް އަޅައި، ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނެރެ، ހެކި ހޯދުމުގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގުން މިއީ ދެކޮޅު ޖެހޭކަމެއް ނޫނެވެ. އަދި މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާނެ ކަމީ ގިނަބަޔަކު ޤަބޫލު ކުރާ ކަމެކެވެ. އަދި މިކަމުގެ މަޤްޞަދާ ދޭތެރޭ ވެސް ސުވާލެ އުފައްދާނެ ޖާގަ އެބައޮތެވެ.

ކަން މިހެން އޮތް އިރު ގިނަ ފަރާތްތަކުން މީސްމީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތަކުން އެނގެނީ ސަރުކާރުން މި ޖެއްސި "ސްޓަންޓު" މީހުން ޤަބޫލު ނުކުރާކަމެވެ. އަދި މިއީ ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ސަރުކާރުން ފިޔަވަޅުތަކެއް ނާޅާއިގެން ޝަކުވާ ގިނަވާތީ ސަރުކާރުން އެފަދަ މީހުންނަށް ޖަވާބެއް ދިނުމުގެ ގޮތުން ކުރި ކަމެއްކަމުގައި ގިނަބަޔަކު ދެކޭކަމެވެ.

އަދި ބައެއް މީހުން ބުނަމުން ދަނީ ސެޕްޓެމްބަރު ދިހަ ވަނަ ދުވަހާ އެގާރަ ވަނަ ދުވަހު ކުޅުނު އެ ފިލްމަކީ ރާއްޖޭގައި އެންމެ ފަހުން ނުކުތް ދިވެހި ފިލްމުކަމަށެވެ. އެ ދެ ދުވަހު މަލޭ އާ އައްޑުގެ އިތުރުން ކަނޑު މަތީގައި ސަލާމަތީ ބާރުތައް މެދުވެރިކޮށް އޮޕަރޭޝަނެއްގެ ނަމުގައި އެ ހިންގި ކަންކަމަކީ އެއީ ކުޅުނު ޑްރާމއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަ ކުރެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...