ގްރޭޓާ މާލެ ޒޯންގެ ބްރިޖުތައް އަޅަން ފައިސާ ހޯދަން ޝާހިދު އަބޫދާބީ ފަންޑާއި މަޝްވަރާ ކުރައްވައިފި

ގްރޭޓާ މާލެ ޒޯން ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތަކަށް ފަައިސާ ހޯދުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި މަޝްވަރާ ކުރައްވައިފިއެވެ.

އޯއައިސީގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ދަތުރު ކުރެއްވި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިހާރު ވަނީ އަބޫދާބީއަށް ވަޑައިގަންނަވާފައެވެ. އެގޮތުން ޝާހިދު ވަނީ އަބޫދާބީގެ (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ.

ޝާހިދުވަނީ ގްރޭޓާ މާލެ ޒޯން ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތަކަށް ފަައިސާ ހޯދުމަށް އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ހަމަޖެހިފައެއް ނުވެއެވެ.

މީގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކަންކަން ނިންމައި، އޮޕަރޭޝަންތައް ފެށުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ދެ ބޭފުޅުންގެ ދެމެދުގައި ވާހަކަތައް ދެކެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ބްރިޖު ތަކަކުން ގުޅާލުމަކީ ކުރީގެ ރައީސް ޔާމީން އިއުލާން ކުރެއްވި މަޝްރޫއެކެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު އެ މަޝްރޫއަށް ފައިސާ ހޯއްދެވުމަށް އޭޝިއަން އިންފްރާސްޓްރަކްޗަރ ބޭންކާއި ވަނީ މަޝްވަރާ ވެސް ކުރައްވާފައެވެ.

ރައީސް ޞާލިހުވެސް ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަޝްރޫއަށް ފައިސާ ހަމަނުޖެހެނިސް އެކަމަށް 7.6 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށާއި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...