ކެބިނެޓުން އުފެދުނު ލޯތްބަށްޓަކައި ސަރުކާރު ދިފާއުނުކޮށް ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރައްވާ

ކޮންމެ ދެމަފިރިއަކަށް ވެސް ލިބޭ ދަރިންނަކީ އެމީހުންގެ ލޯބިން އެ ޖަހަލާ ކައިވެނީ ގޮސް އިތުރަށް ވަރުގަދަކޮށްދޭ ކަނދުވާލިއެވެ. އެ ދަރިންނަކީ އެ މައިންބަފައިންގެ ދެ ލޮލުގެ ނޫރެވެ. އެކުދިންނަށް އެމީހުންގެ ފެންވަރުން އެންމެ ފެންވަރު މޮޅު ތަކެތި ހޯދައިދެއެވެ. އެކުދިންނަށް މީރުވާނެ ހެން ހީވާ ކާ އެއްޗިއްސާ ރީތިވާނެ ހެން ހީވާ ހެނދުމާ ކުޅެން ބޭނުންވާނެ ހެން ހީވާ ކުޅޭ އެއްޗިހިވެސް އެމީހުންގެ ފެންވަރުން އެ މައިންބަފައިން ހޯދައެވެ.

ކޮންމެ ކުއްޖަކަށްވެސް ޒަމާނީ ތައުލީމު ހޯދައިދީ އެ ކުއްޖަކީ މުޖުޠަމައު ބަލައިގަންނަވަރު ކުއްޖަކަށް ހެދުމަށް ކޮންމެ ބެލެނިވެރިޔަކުވެސް މަސައްކަތް ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެގޮތުން ތިމާ އަށް ނުލިބުނު ތައުލީމާ ތަރުބިއްޔަތު ތިމާގެ ދަރިއަށް ހޯދައިދިނުމަށްޓަކައި ކޮންމެ ބެލެވެރިޔަކުވެސް ބުރަ މަސައްކަތް ކުރެއެވެ.

އެ ފޮނި ހުވަފެންތަކުގައި ދަރިން ސްކޫލުތަކަށް ފޮނުވައެވެ. މޮޅަށް ކިޔަވައިދީ ޒަމާނަށް ކުދިން ހޭލުންތެރިކުރުމަށެވެ. ބަވަނަ ވެފައިވާ ދުނިޔޭއަށް ކުދިންގެ ލޯ ހުޅުވައިދި އެކަމަށްޓަކައި ކުދިން އަހުލުވެރިކުރުވުމަށެވެ.

އެދުރު ދައިތަ ގެއިން ކިޔަވަމުން އައި ކިޔެވުން މަކްތަބުތަކަށް ބަދަލުވެ މަކުތަބުތަކުގެ ވަށާ ފާރުލެވި އެ އިމާރާތްތައް ސްކޫލުތަކަށް ބަދަލުވެގެން ދިޔައީ މީގެ އެތައް އަހަރެއް ކުރިންނެވެ. އޭރުއްސުރެވެސް ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވަނީ އެމީހަކަށް ލިބުނު އެންމެ ރަގަޅު އެއްޗެއް ކާންދީ ބޯންދީ އަދި އިްނޓަވަލްވެސް ދީފައެވެ.

ކުދިންނަށް ކާން ނުދެވިގެން ބޯން ނުދެވިގެން ސްކޫލުތަކުގެ ބެލެނިވެރިން ޝަކުވާ ކުރި މަންޒަރެއް ނުވަތަ މުޒާހަރާ ކުރި މަންޒަރެއް ނުފެނެއެވެ.

ބަދަލުގައި ސްކޫލަށް ބޭނުންވާ ސާމާނާ ދޭތެރެ ދޭތެރެއިން ހޯދަން އަންގާ ފާޑު ފާޑުގެ ހެންދުންތަކާ އަދިވެސް އެކި ކަހަލަ ސާމާނު ހޯދަންވީމާ ކެރިފޯރުންތެރިކަން ނެތް ބައެއް ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅުކުރާ މަންޒަރު ފެނެއެވެ. އެއީ އެކި އާއިލާތަކުގެ ފެންވަރަކީ އެއް ހަމައަކަށް ނުވުމުން އެކަންކަން ކުރުމުގައި ދަތި އުދަގޫ ތަކެއް ހުރުމުންނެވެ. އެހެނެއް ނޫނެނެވެ. ކުދިންނަށް ކާން ނުދެވިގެން ދުވަހަކުވެސް ސްކޫލުގައި މައްސަލަ ޖެއްސިކަމެއް އެނގި ހާމަވާކަށް ނެތެވެ.

ކަން މިހެން ހުރި ނަމަވެސް މި ސަރުކާރު އަންނަން ވީ ވައުދުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއިން ވީ އެންމެ ބިޔަ ބޮޑު ވައުދަކީ ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމުގެ ވައުދެވެ.  2018ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި 26.7 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު އޭގެ 10.2 އިންސައްތަ ހިމަނާފައިވާނީ ތަޢުލީމީ ދާއިރާއަށެވެ.

ދަޢުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 3.27 ބިލިއަން ރުފިޔާ ކަނޑައަޅާ މުޅިން އައު މަޝްރުޢޫތަކާއެކު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދަޢުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 3.27 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ތަޢުލީމީ ދާއިރާއަށް މުޅިން އަލަށް ފެށުމަށް ގިނަ މަޝްރޫޢުތަކެއް ކަނޑައަޅާފައިވެއެވެ.

ތަޢުލީމީ ދާއިރާގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް ހަމަޖައްސާފައިވާއިރު، އެކަމަށް 50 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ފުރަތަމަ ޑިގްރީއާ ހަމައަށް ދިވެހިރާއްޖެއިން ކިޔެވުމަށް ހިނގާ ޚަރަދު ދައުލަތުން ހަމަޖައްސައިދިނުމަށް ހަމަޖައްސާފައިވާއިރު އެކަމަށްވެސް 50 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުޅެވޭ ފަދަ ފަސޭޙަ މާހައުލަކަށް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 5 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 60 އެމް.ބީ.ބީ.އެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓު ޑޮކްޓަރުން ބިނާކުރުމަށްޓަކައި 24.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޖީސީއީ އޭލެވެލް އިމްތިހާނުން 1 ވަނަ ހާސިލްކުރާ ހުރިހާ ފަރާތަކަށް އެ ފަރާތެއް ބޭނުންވާ ގައުމަކުން އަދި ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމް ފޯރުކޮށްދިނުމަށްޓަކައި ދަޢުލަތުގެ ބަޖެޓުން 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

ގިނަ މަޝްރޫޢުތަކެއް ތަކެއް ތަޢުލީމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް އޭރުގެ އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ހުށަހެޅުއްވި އެ ބަޖެޓުން އާންމުން ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލުކަމެއް ލިބިގެން ދިޔަ ކަމަކީ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް ހަމަޖައްސާފައިވާ ހަމަޖެއްސުން. އާންމުންގެ ލޮލުގައި މިކަން އަޅައްނުގަންނަންވީ ސަބަބެއްވެސް ނެތެވެ. އެއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫންވީމައާ ވެސް އެކުއެވެ.


ކަންމިހެން އޮއްވާ ސްކޫލުތައް ހުޅުވި ނާސްތާ ޕްރޮގްރާމު ފެށިއެވެ. ނަމަވެސް ވައުދާ ޚިލާފަށެވެ. އެއީ ކޮންމެ ކުއްޖަކަށް ދޭނެ ކަމަށް ބުނި ނާސްތާ ލިބެން ފެށި ހަމައެކަނި ހެނދުނު ދަންފަޅިގެ ދަރިވަރުންނަށެވެ. އަދި އެވެސް ބައެއް ސްކޫލުތަކުގައެވެ. ފުރަތަމަ ދުވަހު ފޯރުކޮށްދިން ނާސްތާ އާ އެކު ބެލެނިވެރިންގެ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ދެވަށް ދޮންކޭލާ ކިރުތައްޓަކުން ވީ ވައުދު ބަދަލުވީ އޭ ފޯ ސައިޒުގެ ގަނޑަކަށް އަޅާފައި ހުންނަ ސަމްސަލެއްގެ މަސްހުނި ކޮޅަކާ ދެ ރޮއްޓަށެވެ. ކުދިން ގެއިން ނާސްތާ ނުވަތަ އިންޓަވަލް ގެންދިއުން މަނައެވެ.

ކުދިންނަށް ދޭން ގެންނަ ޕެކެޓުތައް ކުދިން ނުބޮއި ބެހެއްޓުމުން އަނބުރާ ފިހާރަތަކަށް ފޮނުވާލާފައި އަނެއްކާވެސް ހަމަ އެ ޕެކެޓުތައް ބިލު ކުރުމަށްފަހު ގެންނަނީއެވެ. ސަރުކާރުގެ ބޮޑުންގެ ޖީބަށް ބަރުކުރަން އެމީހުންގެ ވިޔަފާރިތަކުން ގެންނަނީއެވެ. އަންބޮޑިއަށް ބޮނޑި ކުރެވޭނީ އޭރުންތާއެވެ.

ކޮންމެ އަކަސް ނާސްތާ ޕްރޮގްރާމަކީ ބެލެނިވެރިންގެ ތަރުހީބު ލިބުނު ކަމަކަށް ނުވެގެން އުޅޭނިކޮށް އިވިގެން ދިޔަ އަޑަކީ ސްކޫލެއްގެ ދަރިވަރުންނަށް ފޯރުކޯށްދިން ނާސްތާއިން ފުޅަ ފެނުނު ވާހަކައެވެ. މި ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ. ދައުރަވުން ދިޔަ ވީޑިއޯއިން ފެންނަނީ ސޭންޑްވިޗެއްގެ ތެރޭގައި ހުރި ތަރުޚާރީ ތަކެއްގެ ތެރެއިން ފުޅަ ދުވާ މަންޒަރެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން އެކަން ތަހުގީގު ކުރުމަށްފަހު ބުނީ މައްސަލައެއް ނެތް ކަމަށެވެ.

ހިތަށް އެރިއެވެ. ސަހަރޯއެވެ. ލޮލަށް ފެނި އެނގި ޙާމަވާން ހުރި ކަންކަމުގައި ވެސް ދޮގެވެ. ނަމަވެސް މިއީ ތަންފުކެއް ބޮޑުވަރު ނޫންތޯއޭ ހިތާ ހިތާ ކިޔާލެވުނެވެ. ދަރިވަރުންގެ ޞިއްހަތާ މެދު ވިސްނާލެއްވުމެއްވެސް ނެތި އަދި ކާތަކެތިން ފެނުނު ފުޅަ އެއީ ފުޅާ ނޫންކަމަށް ހަދާ އޭގައި މައްސަލައެއް ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރުމަކީ ހާދަހާވާ ޒިންމާދާރު ކުޑަ ގޮތަކަށް ކުރި ކަމެކޭ ހިތަށް އަރައެވެ.

ނަމަވެސް އަންހެން ބޭފުޅަކު އިސްވެ ހުންނަވައިގެން ހިންގަވާ މިނސްޓްރީއަކަށް އެޑިޔުކޭޝަން މިނިސްޓްރީވެފައި އަދި ހަމަ އެފަދަ އެހެން އަންހެން ބޭފުޅުންތަކެއްގެ ދަރީންގެ ޒިންމާ ނަންގަވައިގެން ހުންނަވާ، ޑރ. އައިޝަތު އަލީ ދިފާއު ކުރެއްވީ ސަރުކާރެވެ. ފަހަރުގައި އުފެދުނު ކެބިނެޓު ލޯބީގެ ހައްގުގައި ކަމުގައި ވެދާނެއެވެ.

ނަމަވެސް ލޮލަށް ފެންނަ ކަންކަމުގައި ދޮގު ނުހައްދަވާށެވެ. ކެބިނެޓޫން އުފެދުނު ލޯތްބަށްޓަކައި ސަރުކާރު ދިފާއުނުކޮށް ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރައްވާށެވެ.


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...