މިނިވަން މާހައުލެއް ޤާއިމުކޮށްދޭން އައި މީހުން ދިވެހިންގެ މިނިވަންކަން ވެސް ދަވާލައިފި

ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަންސާސު އެތައް އަހަރެއް ވެފައިވާއިރު. މިއަދު މި ފަސްގަނޑާ މެދު ވިސްނާ ފިކުރު ކުރަނީ ކިތައް މީހުންބާއެވެ؟ ތިމާމެންގެ އަމިއްލަ މަންފާއަށްޓަކާ ގައުމުގެ އަމަން ނަގާލައި، މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން އެބަޔަކަށް ދުވަހަކުވެސް މައާފު ނުކުރާނެ ކަމެއްކަން ޔަގީނެވެ. މިނިވަންކަމަކީ ގައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ.

އިސްލާމްދީނުގެ ނަޒަރުގައި އެއްވެސް މިނިވަންކަމަކީ، ހުދޫދެއް ނެތް މިނިވަންކަމެއް ނޫނެވެ. ފަރުދުންގެ މިނިވަންކަން ވެސް ބޭނުން ކުރަން ޖެހޭނީ، އެކަމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރޭގައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މީސްތަކުންނާ މުޢާމަލާތު ކުރުމާއި، މުދަލުގައި تصرّف ކުރުމާއި، މިހުރިހާ ކަމެއްވެސް ކުރަންޖެހޭނީ ދީނުގައި ހުއްދަކުރައްވާފައިވާ ދާއިރާގެ ތެރޭގައެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދޮގުވާހަކަ ފެތުރުމާއި މީހުންގެ އަބުރާ ބެހުމަކީ އިސްލާމްދީނުގައި ޙަރާމުކުރައްވާފައިވާ ކަންކަމެވެ. އެކިއެކި މުޢާމަލާތު ހިންގުމުގައި ނުވަތަ މުދަލުގެ تصرّف ތަކުގައި މަކަރުހެދުމާއި، ވަޢުދާއި ޚިލާފުވުމާއި، އޮޅުވާލުމާއި، އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމަކީވެސް، އިސްލާމްދީނުގައި ޙަރާމު ކުރައްވާފައިވާ ކަންކަމެވެ.

މިނިވަންކަމުގެ ނަމުގައި ނަމަވެސް މިއިން ކަމެއް ކުރުމަކީ، ދީނުގައި ހުއްދަކަމެއް ނޫނެވެ. މިނިވަން ޤައުމުތަކުގެ މެދުގައިވެސް މުޢާމަލާތު ކުރަންވާނީ، ހަމައާއި އިންސާފުގެ މަތިންނެވެ.

އިސްލާމްދީނުގެ ނަޒަރުގައި، އިސްލާމީ އުންމަތް ވާންޖެހޭނީ މިނިވަން އުންމަތަކަށެވެ. އަދި ކޮންމެ އިސްލާމީ ޖަމާޢަތެއްވެސް ވާންޖެހޭނީ އެހެން ދީންތަކުގެ ނުފޫޒުން ރައްކާތެރިކުރެވިފައިވާ ޖަމާޢަތަކަށެވެ. އެހެނީ މާތް اللّه ޝަރުޢު ކުރައްވާފައިވާ ގޮތުގެމަތިން އިސްލާމްދީނުގެ ޢަޤީތައް ރައްކާތެރިކޮށް، އިސްލާމީ ޙުކުމްތައް ޤާއިމުކުރެވޭނީ، މިނިވަންކަން ލިބިގެންވާ ބަޔަކަށެވެ. އެހެންބައެއްގެ އަޅުވެތިކަމުގައި ތިބޭބަޔަކަށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ފަރުޟުތައް، އަދާކޮށް މިނިވަންކަމާއެކު އިސްލާމްދީނުގެ ޙުކުމްތައް ތަންފީޒެއް ނުކުރެވޭނެއެވެ.

ނަމަވެސް މިއަދު ރާއްޖެއިން ފެނިގެން މިދަނީ އެޔާ މުޅިން ޚިލާފުކަންތައް ތަކެކެވެ. އެގޮތުން ބަލާއިރު ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ވެސް ކުށެކެވެ. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ. މީގެ އިތުރުން އާންމު ތަނެއްގައި އެ މީހަކު ބޭނުން ކުރާ އަންނައުނެއްގެ ސަބަބުން ވެސް އެމީހަކު ހައްޔަރުކުރެވިދާނެއެވެ.

ޓެރަރިޒަމް ގާނޫނު އިސްލާހު ކުރަނީ ޓެރަރިސްޓުންގެ ކިބައިން ސަލާމަތްވާން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާއިރު، އިސްލާހުކޮށް އެކުލަވާލެވޭ ޓްރަރިޒަމުގެ ޤާނޫނުން، ބައެއްގެ މިނިވަންކަމަށް އަރައިގަނެވޭނ ފަދަ ކަންކަން ހުރިކަމަށް ޤަނޫނީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ވިދާޅުވެފައިވެއެވެ.

އެގޮތުން ބަލާއިރު ބައެއް ބޭފުޅުން ވިދާޅުވަމުން ދަނީ، ޓެރަރިޒަމް ޤާނޫނަށް ގެންނަ އިސްލާހުތަކާ އެކު އިސްލާމީ ވަންތަ އެންމެ ރަގަޅު އުޞޫލުން މި ރާއްޖޭގައި ހެނދުން އަޅަމުން އަންނަ އެތައް ފަރުދުންނެއްގެ ފަރުދީ މިނިވަން ކަމަށް އަރައިގަނެވޭ ކަމަށެވެ. އަދި ބުރާ އެޅުމަކީ އެހެން ގޮތެއް ކަމަށާ އެނޫން ގޮތް ގޮތަށް ވެސް ހެނދުން އެޅުމުގެ މިނިވަންކަން ދިވެހިންނަށް ލިބިފައިވާ ކަމަށް ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބުރުގާ އަޅާ އައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމު އުޚުތައްގެ މައްޗަށް ވާޖިބެކެވެ.

އެފަދަ ބޭބޭފުޅުން ގެ ވާހަކަތަކަށް ބުނެލަން ބޭނުންވަނީ މާމަ ހެނދުން އެޅުއްވި ގޮތަށް މަންމަ ހެނދުން ތުރު ނުކުރެއްވުމުން އެކަމާ ކަންބޮޑުވެލައްވާއިރު، މަޖިލީހަށް ވަޑައިގަންނަވަން މަނިކުފާނު ހެނދުން ތުރުކުރައްވަނީ ކާފަ ނުވަތަ ބައްޕަ ހެނދުން އެޅުއްވި ފަދަ ގޮތަކަށް ތޯއެވެ.

ކޮންމެ އަކަސް ބުނެލަން ބޭނުންވަނީ މީގެ ކުރިން ރާއްޖެގައި އަންހެން ވެރިން ފިނދު ބެރު ކިޔާ ނެށުމެއްވެސް ނެށިއެވެ. ނަމަވެސް މިއަދު އެ ނެށުން އެބަ ނަށާހެއްޔެވެ. އެއީ އަންހެން ވެރިންގެ އައުރަ ހާމަވާ ފަދަ ނެށުމަކަށް ވުމުން އެކަން ހުއްޓުމަކަށް އައީއެވެ.

ނަމަވެސް މިއަދު އެމްޑިޕީ ސަރުކާރެއްގައި ފެނިގެންދަނީ ބަޔަކު އައުރަ ނިވާކުރަން ކުރަމުންދާ މަސައްކަތަށް ޓެރަރިޒަމް ޤާނޫނޭ ކިޔައިގެން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ މަންޒަރު ކަމަށް ދީނީ ބޭފުޅުން ވިދާޅުވެއެވެ. އަދި އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ދީނުގައި ހެނދުން އެޅުމުގެ މިންގަޑު ބަޔާންކުރައްވާފައިވާނެ ކަމަށާ ބަޔަކު ބުނާހާ ގޮތަކަށް ހެނދުން އަޅަން ނުޖޭނެ ކަމަށެވެ.

މަޤާމުގެ ދަހިވަތުގައި ބައެއް ބޭފުޅުން އެމީހަކު ބޭނުން ގޮތަކަށް ހެނދުން އެޅުމުގެ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވި ނަމަވެސް ޙަޤީގަތަކީ އިސްލާމު ދީނުގައި ހެނދުން އަޅާން އަންގާވާފައި އޮންނަ އުޞޫލު ތަކަށް ގޮން ޖަހާ އެ މިނިވަންކަން މި ސަރުކާރުން ނިގުޅައިގަންނަން މަސައްކަތް ފަށައިފި ކަމެވެ. ސެކިއުލާ ވިސްނުން މިޤައުމުގައި ފަތުރަން ޚަދާއުލްޚަމްރުގެ ކުޅިވަރު ކުޅުއްވާ ބޭފުޅުންގެ އާއިލީ ބޭފުޅުން ފަށައިފިކަމެވެ.

އިސްލާމީ ރިވެތި އުޞޫލުން ހެނދުން އަޅަމުން އައި އައުމުގެ މިނިވަންކަން މި ސަރުކާރުން ދަވާލައިފިއެވެ. އިސްލާމީ މިންގަޑަށް ފެތޭ ގޮތަށް ހެނދުން އަޅަމުން އައި އައުމަށް މި ސަރުކާރުގެ ދިގު އަތް ބާނައިފިއެވެ. ދެން މަނާ ކުރާނީ ކޮންކަމެއް ބާއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...