އަދުގެ ސަރުކާރަށް އޮތީ ހަމަ ސުމެއް: ރައީސް ޔާމީން

- ރައީސް އަބްދުﷲ ޔާމީން -

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް އެއް އަހަރު ފުރެން ގާތްވެފައިވާއިރު ދަރަނިތަކާއި ރައްޔިތުންނަށްވި ވައުދުތަކާއި ރައްޔިތުން ހައްލަން ދެއްކި ވާހަކަތައް އަންނަނީ ފުނިޖެހެމުން ކަމަށާއި އެހެންކަމުން އަދުގެ ސަރުކާރަކީ ސުމެއްގެ ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ކޯލިޝަނުން ދަވާލައިފި ނަމުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސްވެރިންނަށް ވި ވައުދާއި ރައްޔިތުންނަށް ހެދި ދޮގުތައް އަންނަނީ ފުނިޖެހެމުން ކަމަށެވެ.

އެހެންކަމުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގައި އެއްވެސް ވަރެއްގެ އުފާވެރިކަމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މިފަދަ ގޮތަކަށް ކަންތައްތައް ދާތީ ސަރުކާރަށް ދޭން އޮތީ ސުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމަކީ މަސްވެރިކަން ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ ރަށްރަށުގެ ތަރައްގީއަކީ މަސްވެރިކަން ކަމަށެވެ. އަދި އެއާއެކު ތަރައްގީގައި ފަތުރުވެރިކަމަކީވެސް އެހާމެ މުހިންމު ދާއިރާ އެއްކަމަށްވެސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާޢްޖޭގެ އެންމެ ވަރުގަދަ ސިނާއާތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ވަރުގަދަ ސިނާއަތެއްގެ ގޮތުގައި ހެއްދުމަށްޓަކައި ވޭތުވެދިޔަ ރަން ފަސް އަހަރު ދުވަހުގެ ތެރޭގައިވަނީ އެ މަސައްކަތްކޮށް ނިއްމާފައި ކަމަށެވެ.

ކަންތައްތައް ކުރުމުގައި މުނާސަބު ވަގުތުތަކާއި އަދި މުނާސަބު ނޫން ވަގުތުތައް ހުންނާނެ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަދަބު ލިބިގެންދަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެހެންނަމަވެސް އެފަދަ ދެރަގޮތްތަކެއް ރައްޔިތުން ނުހެއްދެވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

އަދި ޓެރަރިޒަމް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުން ދުނިޔޭގެ ކުރިމަތީގައި ފަތުރުވެރިން ދެކޭނީ ކޮންގޮތަކަށްތޯ ވިދާޅުވެ އެކަމާ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަރުކާރުން ޓެރަރިޒަމް ގާނޫނަށް އިސްލާޙު ގެންނަން މަސައްކަތް ކުރަނީ ދީނީ އިލްމުވެރިންގެ ގެތަކަށް ފަސޭހައިން ވަނުމަށްޓަކައި ކޮށާ މަގެއްގެ ގޮތުގައި ސިފަކުރައްވަމުން ޔާމީން އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރަށް ނުރުހޭ ބަޔަކަށް އުދުވާނީ ހަމަލާއެއް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރައްވަނީތޯ އައްސަވާފައެވެ.

އެހެންކަމުން މިފަދަ އިސްލާހެއްގެ މަސައްކަތް ސަރުކާރުން ކުރައްވާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ގާނޫނު ހައްދަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...