ފަލަޞްޠީނުގެ ޙައްޤުގައި ރާއްޖެއިން އެއްޗެއް ނުބުނާތީ ކަންބޮޑުވޭ: ކޮންގްރެސް ކޯލިޝަން

ފެށުނީއްސުރެ ރާއްޖެއަކީ ފަލަޞްޠީނުގެ ޙައްޤުގައި ޙަރަކާތްތެރި ވަމުން އަންނަ ޤައުމެއް ކަމަށާއި އަލުން އިންތިޚާބު ވެއްޖެނަމަ އުރުދުން ވާދީ ހިފާނެ ކަމަށް ބުނެ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަޞްޠީނަށް ދިން އިންޒާރަށް ރާއްޖެއިން އެއްޗެއް ނުބުނާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮންގްރެސް ޕާޓީގެ ނައިބުރައީސް މުޙައްމަދު ޙުސެއިން ޝަރީފްވަނީ ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިކަން ކުށްވެރި ކުރުމަށް ޚާރިޖީވަޒީރު ޝާހިދަށް ގޮވާލާފައެވެ.

ޢަރަބި ލީގުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވާ އެކަން ވަނީ ކުށްވެރި ކުރައްވައިފިއެވެ. މެދުއިރުމަތީގެ ސުލްޙައިގެ މުސްތަޤްބަލަށް ކަޅުވިލާގަނޑެއްގެ ގޮތުގައި މިކަން އުރުދުންގެ ޚާރިޖީވަޒީރު ސިފަކުރައްވާފައި އޮތްކަން މުންދު ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ މިހާތަނަށް އިސްރާއީލާގުޅޭ ކަމެއްގައި އެންމެ ފުރަތަމަ ބަސްބުނާ ޤައުމަކަށް ރާއްޖެ ވާނެ ކަމަށާއި ދުނިޔޭގެ މުސްލިމް ދައުލަތްތައް ނުވަތަ ހުރިހާ އެންމެން ބަސްބުނެ ސްޓޭންޑެއް ނަގާފައިވާއިރު ދިވެހިރާއްޖެއިން އަދި އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި ދިވެހި ޚާރިޖިއްޔާއިން އެކަމާގުޅޭގޮތުން ވަކި ސްޓޭންޑެއް އޮތްކަން ހާމަކޮށްފައި ނުވާ ކަމަށެވެ.

ދިވެހިރާއްޖެއިން މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އދގައި މިކަން ކުށްވެރިކުރާ ބައެއްގެ ގޮތުގައި ކުރީސަފުގައި ރާއްޖެއިން ތިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ލިޔެވިފައި އޮންނަ ޚާރިޖީ ސިޔާސަތުގައި އިސްރާއީލާ ގުޅޭގޮތުން އޮންނަ ސްޓޭންޑާއި އެމްޑީޕީގެ ވެރިކަމުގައި ޢަމަލުކުރާ ސްޓޭންޑް ތަފާތުކަންވެސް މުންދު ފާހަގަކުރެއްވިއެވެ.

އަދި ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ ގުޅުންބަދަހިކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ދިޔަކަންވެސް ފާހަގަކުރެއްވިއެވެ. ނަތަންޔާހޫގެ މި އިންޒާރާގުޅިގެން ޢަރަބި އިސްލާމީ ޤައުމުތަކުންދަނީ މިވާހަކަތަކަށް ރައްދުދީ ހަރުއަޑުން ކުށްވެރިކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...