ޓެރަރިސްޓު ޤައުމުތަކުގެ ހާއްޔަކަށް ނަޝީދު މިޤައުމު ހަދައިފި: އިދިކޮޅު ކޯލިޝަން

ދިވެހި ފަސްގަނޑަކީ ޓެރަރިސްޓުންގެ ހާއްޔެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްދަވައިފި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ދަވާލައިފި ނަމުގައި އިދކޮޅު ކޯލިޝަނުން ބާއްވާ ރެލީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމު ސުޖާއު ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ އިދިކޮޅުގައި ތިއްބެވި ފަރާތްތައް ނައްތާލުން ކަމަށާއި އެކަން އެހެން ކުރަން ބޭނުންވި ނަމަވެސް އިދިކޮޅުގެ މަސައްކަތްތަކަށް ދޫނުދެއްވާނެ ކަމަށެވެ.

އަދި މިހާރު އިދިކޮޅުން ހަވާލުވެގެން ތިއްބެވީ ޤައުމު އިސްލާހުކޮށް ޤައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، މި ސަރުކާރުގެ ނަޒަރުގައި ޤައުމުގައި ތިއްބެވި ދީނީ އިލްމުވެރިންނާ އިމާމުން ފަދަ ދީނީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެއްވެސް އަގެއް ހުރި ބޭފުޅުން ނޫން ކަމަށާއި އެ ބޭފުޅުންނަށް މި ސަރުކާރުން އެއްވެސް އަދަބު އިޙްތިރާމެއް ނުކުރާ ކަމަށެވެ.

އެގޮތުން މަޖިލީހުގެސް ރައީސްގެ މަސައްކަތުން ޓެރަރިސްޓް ޤައުމުތަކުގެ ހާއްޔަކަށް މި ޤައުމު ހަދައިފި ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ޓެރެރިސްޓު ޤައުމުތަކާ ރާއްޖެއާ ގުޅުވާ ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ރާއްޖެއަށް މިހާރު ފޮރިން އިންވެސްޓްމަންޓުތައް އައުން ވެސް ހުއްޓިފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު މި ފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު، އިސްތިއުފާދެއްވި ކުރީގެ ރައީސް ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު ރާއްޖޭގައި އައިސިސް އާއި އަލްޤައިދާ އާ ގުޅުން ހުރި ބަޔަކު އުޅޭ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި އެ ޖަމާއަތްތަކަށް ވާގިވެރިވާ ދިވެހިން އުޅޭ ކަމަށްވެސް އޭނާ ވަނީ ބައިނަލްއަޤްވާމީ މީޑިއާތަކުގައިވެސް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...