ކާޅު ހާލި ހެދީމާ ކޮވެލި ބިސް އަޅާއިރު ހާލިގެ ބޭނުން ހިފަނީ ރަގަޅު ގޮތުގައި

ދިވެހިރާއްޖޭގެ ތަރައްޤިގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ގައުމު ފަނާ ކުރުމަށް މަސައްކަތް ކުރި ވެރިކަމަކަށް ފަހުގައި ކަމީ ދިވެހި ފަތްފުށްތަކުން ފެންނަން އޮތް ހަގީގަތެކެވެ.

އަދި އެމަނިކުފާނު ގައުމު ބިނާ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ކުރީގެ ވެރިކަމުގައި ގައުމު ފަނާކުރި މީހުން އެކަމަށް ހުރަސް އަޅަމުން އައި ކަމީ އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއް ނޫންކަން ޔަގީނެވެ.

ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ގެންދެވީ ފަސްޖެހުމެއް ނެތި މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ދިވެހިރާއްޖޭގޭ ޖުމްހޫރި ހަޔާތުގައިވެސް ނުދެކޭ ފަދަ ތަރައްޤީ އެމަނިކުފާނު މިޤައުމަށް ގެނެސްދެއްވިއެވެ. ދިވެހިރާއްޖެ އަކީ ކުޑަ ޤައުމެއް ނަމަވެސް ޒަމާނުއްސުރެވެސް މި ޤައުމަކީ އެކުވެރިކަމާ އެއްބަޑު އެއްބަފާބަޔަކު ދިރިއުޅެމުންދިޔަ ޤައުމެކެވެ. މިޤައުމުގެ ރައްޔިތުންނަކީ އެކަކަށް ދިމާވާ ދަތިތަކަކީ އަނެކާ ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެހީވަމުން އައި ބައެކެވެ.

އެހެން ނަމަވެސް 2008 ވަނަ އަހަރު ދިވެހި ރައްޔިތުން ބަދަލަކަށް އެދިގެން ގެނައި ވެރިކަމުގެ ސަބަބުން މި ލޮބުވެތި ފަސްގަނޑުގައި އޮތް ސުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ގެއްލިގެންދިޔައެވެ. ސިޔާސީ ވާދަވެރިކަން އުފެދި ޤައުމުގައި ހަމަނުޖެހުން އުފެދެން ފެށި. އާއިލާތަކުގައި ބައިބައިވުން އުފެދި އެއްބަޑު އެއްބަފާކަމުގެ ގުޅުން ކެނޑިގެން ދިޔައެވެ.

އަދި ޤައުމުގެ ޒުވާނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އެކުދިންގެ މުސްތަޤުބަލު ބަނަކުރަމުން ދިޔައެވެ. ވަޒީފާތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ހައްގަކާ ނުލައި ވަޒީފާތަކުން ވަކިކުރަމުންދިޔައެވެ. ދިވެހި، އިސްލާމް އަދި ޤުރުއާން މަޖްބޫރު މާއްދާއެއްގެ ގޮތުގައި އޮތްއޮތުމަށް ނިމުމެއް ގެނައެވެ.

މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލިއެވެ. މީހުންގެ އަބުރަށް އެރުން އާއްމުވެގެން ދިޔަ. ޤައުމަށް ބޭރު ފައިސާ ވަންނަ މައި ދޮރު، ދިވެހިންގެ ފަޚުރުވެރި އެއާޕޯޓް ބޭރު ބަޔަކަށް ވިއްކާލިއެވެ. މި ފަދަ ގޮތަކަށް ޤައުމު އޮއްވާ ރައްޔިތުން ނުހަނު އުއްމީދުގައި ޙަވާލުކުރި ވެރިކަމުގައި ކޮޅުފައިން ޖެހުމަށްފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން އިސްތިއުފާ ދެއްވިއެވެ.

އަދި މުޅި ޤައުމު ހަލަބޮލިކޮށް ޤައުމުގެ އެކި ތަންތަނުގައި ހުޅުޖަހާ އެތައް މިލިއަން ރުފިޔާގެ ގެއްލުމާއެކު ޤައުމު އަދަވަޅަކަށް ވައްޓާލިއެވެ. މި ޙާލަތުގައި ޤައުމު އޮއްވާ 2013 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް އުއްމީދުގެ ހުޅުކޮޅެއް ދިވެހި ރައްޔިތުންނަށް ދިއްލިގެން ދިޔައެވެ. 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޤައުމުގައި ދިއްލިގެން ދިޔަ އަލިގަދަ ހުޅުކޮޅާ އެކު މި ޤައުމުގެ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާވެ ދިވެހިންގެ މި ލޮބުވެތި ފަސްގަނޑަށް އަރޯކަމާ ތާޒާކަން ލިބެން ފެށިއެވެ.

އާދެ މއ.ކާމިނީގެ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މި ދިވެހި ޤައުމުގެ ޖުމްހޫރިއްޔާއާ ޙަވާލުވެ ވަޑައިގަތުމަށްފަހު، ކުރިން ބުނެވިގެން ދިޔަ ހުރިހާ ކަމަކަށް އަވަސް ހައްލު ގެނެސް ދެއްވަން ފެއްޓެވިއެވެ. ކަންކަންމަތީގައި ގިނަވެފައި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވިއެވެ. ޒުވާނުން ހުސްވަގުތުގެ ބޭނުންކުރާނެ ރަގަޅު ގޮތް ހޯދައިދެއްވުމަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތައް އަތޮޅުތެރޭގަ އާއި މާލޭގައި ތަނަވަސްކޮށްދެއްވިއެވެ.

އާއިލީ ގުޅުން ބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކާ އެކު ވަގުތު ހޭދަކޮށްލާނެ ހިތްފަސޭހަ މައިޒާންތަކާ ޕާކުތައް ހައްދަވާދެއްވިއެވެ. އުމުރުން ދުވަސްވެ އާއިލާތަކުން ގިނަފަހަރު ބިކަކޮށްލާފާ ތިބޭ އުމުރުން ދުވަސްވީ މީހުންނަށް "ރަންވޭލާ" ޕްރޮގްރާމް ތައާރަފްކޮށްދެއްވިއެވެ. ސްކޫލުތަކުގެ ކިޔެވުން ޒަމާނީ ފެންވަރަށް ފައްޓަވާ ދެއްވާ ކުދިން ކިޔެވުމަށް ހިތް ޖެހޭނެ ފަދަ ޕްރޮގްރާމްތައް ތަޢާރަފްކޮށްދެއްވިއެވެ.

ކިޔެވުމާ އެކު ކުދިންނަށް މަސައްކަތްތެރިކަން ދަސްކުރެވޭނެ މަގު ފަހިކޮށްދެއްވިއެވެ. އިސްލާމް ދިވެހި މަޖްބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. ބައެއް މީހުން ހޮބީ އެއްގެ ގޮތުގައި ކުރަމުން އައި ކަމެއް ކަމަށްވާ މީހުންގެ އަބުރަށް އަރައިގަތުން ޤަނޫނެއް ތަންފީޒުކުރައްވާ އެކަމަށް ނިމުމެއް ގެންނެވިއެވެ. އިއްޒަތްތެރިއެއް އާންމު ރައްޔިތެއް ތަފާތު ކުރުމެއް ނެތި ކޮންމެ ކަމަކަށްވެސް ހައްގު މިންވަރު ދެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޑަކުރެއްވި ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވިއެވެ. ޤައުމުގެ މަސްލަޙަތު ކޮންމެ ކަމެއްގައި ވެސް އިސްކުރެއްވިއެވެ. އުނދަގޫ އެތައް ހަރުފަތްތަކަކަށްފަހު ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯއްދަވައިދެއްވި. މިހެން ގޮސް ކިތަންމެ ވާހަކައެއް ވެސް ކިޔާލެވިދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއަކީ މި ދިވެހި ޖުމްހޫރިއްޔާ ދުށް އެންމެ ޚިދުމަތްތެރި ރައީސް. އެމަނިކުފާނު ވަނީ ނުހަނު ބުރަ މަސައްކަތުން ވީދިފައި އޮތް މި ރާއްޖޭގެ އިޖްތިމާޢީ ފޭރާން އަލުން ބަލުން ރޮދި ޖައްސަވާ ރީތި ބައްޓަމަކަށް ފައްސަވާ ދެއްވިއެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރަކީ ރައީސް ޔާމިން މި ޤައުމަށް ގެނެސްދެއްވި ތަރައްޤީ އާ ތަމައްދުން ބަޔަކު ފައިން އަރާ ޗިސް ޗިސް ކޮށްލާ މަންޒަރެވެ.

ޤައުމަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގެ ބައި ބައިން މެޑްލު ޖައްސަވާއިރު، މި ބޭފުޅުން ގެންދަވަނީ ޤައުމުގައި ހުރި ތަރައްޤީ ނައްތާލަމުންނެވެ. ކުރީ ސަރުކާރުން ބޮޑެތި ޚިދުމަތްތައް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހެދީ ޚަރަދު ކުޑަ ކުރުމަށާ ކޮރަޕްޝަނު ދަށް ކުރުމަށެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން ފެންނަނީ ކުރީ ސަރުކާރުން އުފެއްދި ރިސޯސަސްތަކުގެ ބޭނުން ނުހިފާ މަންޒަރެވެ.

އަދި ސަރުކާރުގެ ރިސޯސަސް ތަކުގެ ބޭނުންކޮށްގެން ކުރާ ނަމަ ޚަރަދުކުރަން ޖެހޭ މިނަވަރަށް ވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް އިތުރު ޚަރަދުކުރަމުން ދާ މަންޒަރަކީ މިހާރު ވަރަށް ގާތުން ފެންނަ މަންޒަރުތަކެވެ. އެވެސް ޕާޓީގެ ކޮންމެ ވެސް ކުއްޖަކަށް ނުވަތަ ގާތް މީހަކަށް ފައިދާ ވާނެ ހެންނެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނެ ކަމަށް ވިދާޅުވި ސަރުކާރުން މި ފަދަ މަންޒަރުތައް ފެނުމަކީ ލަދު ހުތުރ ކަންކަމެވެ. އުނު އޮރިޔާ ހިޔާކޮށްގެން ތިޔަ ތިއްބަވަނީ އަޅޭ ފަހެ ލަދުގެ ކަންފުޅެއްވެސް ހުރެގެންބާ އޭ ހިތައް އަރައެވެ.

ޤައުމުގެ ބައިތުލު މާލަށް ވީ ނުވީ އެއް ނޭނގުނެވެ. ދިޔައީ އަޑިން ކަމެއް މަތިން ކަމެއް ނޭނގުނެވެ. ދައުލަތުގެ ވަޒީރުންނަށް އެކަންކަމަށް ޖަވާބުދާރީ ނުވެވުނެވެ. ބުނެލެވުނުހާ ވެސް އެއްޗަކީ ކުރީ ސަރުކާރެވެ. އަހަނ އެހެންތާ ވާނީ ކަމެއް ކޮށްދީފައި އޮތީ ކުރި ސަރުކާރުން ވިއްޔާއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީވެސް ރައީސް ޔާމިން އަޅުއްވައިދެއްވި އިމާރާތަކަށް ވުމުން އޭގެ އަޞްލަށް ބަދަލު ނުގެނެސް އެ ހޮސްޕިޓާލު ހުޅުވަން މި ސަރުކާރުން ބޭނުމެއް ނުވިއެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ ކުރީ ސަރުކާރުން ކުރި ކަމަކަށް ވުމުން އެޔަށް ބަދަލެއް ގެނެސް އެތަން އެއީ ތިމްނަނާ މެންގެ ސަރުކާރުގައި އުފެއްދި ތަނެކޭ ބުނަން ވެގެން ހެއްޔެވެ.

ސިނަ މާލެ ބްރިޖު ހެދުމުގެ ޝަރަފުވެސް ތި ބޭފުޅުން ނަމެއްގައި ހޯއްދެވި ގޮތަށެވެ. ބްރިޖު އޯކޭ ވީއިރު ބުރިޖުގެ ސާފުތާހިރު ކަމާ މެއިންޓެނެންސް ބަލަހައްޓާން ކަމަކު ނުދިޔައެވެ. ރައީސް ޔާމިން ގެނެސްދެއްވި ތަރައްޤި ކަމުން ނެތިކޮށްލަން ފަރުވާ ކުޑަ ކުރައްވަނީ ބާއެވެ؟

ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ މިއަދު ޤައުމުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނެވެ. މިއަދު މި ފެންނަނީ އެ ބޭފުޅުންގެ އަމިއްލަ ވެހިކަލް ބޭނުނަކުރާ މަންޒަރު ބާއެވެ؟ އަދި އިރު އިރު ކޮޅުން ބޭބޭފުޅުން ޤައުމުން ބޭރަށް ޤައުމަށް އެހީ ހޯދުމަށް ކަމަށް ބުނެ އެ ކުރައްވާ ދަތުރުފުޅު ތަކުން ލިބޭ އެއްވެސް އެއްޗެއް ހަތް ހަރާމުން ހަރާމެވެ. އެހެންކަމުގައި ވަނީނަމަ ދައުލަތުގެ ބައިތުލް މާލޫން އެ ކުރަނީ ބޭކާރު ޚަރަދެވެ.

ނުވަ ދިހަ ހާސް ވަޒީފާއށް ވުރެ ގިނައިން ވަޒީފާ އުފައްދަވާ ރައީސް ޔާމިން ތަަނވަސްކޯސް ދެއްވި ވަޒީފާތަކުން ނިކަމެތި ރައްޔިތުން ވަކިކޯށް ޕާޓީގެ އެކްޓިވިސްޓުން ދަނީ އައްޔަންކުރަމުނެވެ. ޤައުމުގައި މިޙާތަނަށް އައްޔަން ނުކުރާ ވަރަށް ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވެ. ދިވެހި ތާރީޚު ދުށް އެންމެ މަތިބަރު ސަރުކާރެވެ. ސިޔާސީ މަޤާމުތައް އަތް ނުފޯރާ ފަށުގައެވެ. ނަމަވެސް މުސާރަ ދޭން ޖެހޭނެ ގޮތަކާ މެދު ފަރުވާލެއް މިމީހުންގެ ނެތެވެ.

ކުރި ސަރުކާރުން ފަށާ ނުނިމި ހުރި މަޝްރޫއުތައް ދޫކޮސްފައި ހުރީ ކަމުދާ އުޞޫލަކުން ނޫންކަމަށް ބުނެ އަލުން ހަމަ އެ މަޝްރޫއަތަކަށް ބިޑު ހުޅުވާލައިގެން ބިޑު ދޫކުރުމުން އެޔަށް އަޅުގަޑުމެން ކިޔަންވީ ފައިދާ ކުރުވަނިވި މަޝްރޫއެއް ކަމަށް ތޯއެވެ؟

ދެން އޮތް ކަމަކީ ޤައުމުގައި ވެރިޔަކަށް ހުންނެވި ބޭފުޅާއަށް ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ ހައްގު ނެތް ވާހަކައެވެ. ދިވެހިރާއްޖޭގެ ވަލިޔުއްލްއަމުރުގެ މަޤާމުގައި ލަޤަބަކާ އެކު ހުންނެވީ އިބްރާހިމު މުހައްމަދު ޞޯލިހުއެވެ. ނަމަވެސް ކަސްތޮޅު އެޅިފައި ހުންނެވި ކުށްވެރިއެއް ފަދައިން އެމަނިކުފާނު ހުންނަވަން ޖެހެނީ ޝަރީއަތުން ފުރުޞަތު ދެއްވަން ދެން އެއްޗެއް ވިދާޅުނުވެއެވެ. ޝަރީއަތަކީ މަޖިލީހުގެ ރައިސެވެ.

ކަންމިހެން ހުރިއިރު ސަރުކާރުން ކުޅެމުން އަންނަނީ ވަރަށް ރީތި ޑްރާމާއެކެވެ. ބުނަމުން ދަނީ ކުރީ ސަރުކާރުން ކަންކަން ކޮށްދީފައި ހުރީ އަމާ ބުނީތީ ފަރަށް ދާ އުޞޫލުން ކަމަށެވެ. އަދި އަބަދުވެސް ކުރި ސަރުކާރު ބަދުނާމު ކުރަން ވަރަށް މަސައްކަތް ކުރެއެވެ. އެކަން ވީ ފޫނެތް ފާއްޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. މި ޞޭފުޅުންގެ އަޑު މަޑުވާން ފެށިއެވެ.

ނުވަ މަސް ވެގެން ދިޔައިރު ވެސް ރައްޔިތުންނަށް ފައްޓަވައި ދެއްވި މަޝްރޫއެއް ނެތެވެ. ނުވީތާކަށް ކުރީ ސަރުޚާރުން ފައްޓަވާފައި ހުރި ކަންކަން ވެސް އަންބާ ކިޔާ ބަހައްޓާފައި ދަނީ ހުއްޓުވަމުނެވެ. ކޮންމެވެސް މޮޅެތި ހިޔަޅު ވާހަކަތަކެއް ދެއްކުމަށްފަހުއެވެ.

މިހެން ބުނުމުން ބުނެފާނެއެވެ. ކާޅު ކެޔަސް ސޮއް ނުގޮވާށެވެ. އެހެން ކަމުގައިވަނީ ނަމަ ދެން ބުނެލަން ޖެހޭނީ ކާޅު ހާލި ހެދިމާ އައިސް ކޮވެލި ބިސް އެޅިނަމަވެސް ކޮވެލި އެ ހާލި ސުންނާފަތިކޮށް ނުލާކަމެވެ.

އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާކަމެވެ. އެހެންކަމުން ކުރީ ސަރުކާރުން ކޮށްދެއްވާފައި ހުރި ކަންކަން ނައްތާލުމުގެ ބަދަލުގައި އޭގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ޚިދުމަތް ކޯށްދެއްވިއްޔާ މާ ރަގަޅުވާނެއެވެ. ނޭނގޭ މީހާ ކަންކަން ދަސްކުރަނީ އެނގޭ މީހާ ކައިރިންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ތަހުތު 13 ސެޕްޓެމްބަރު 2019 - 21:03

    މޮޔަކާޅަކައްނޭގޭނެރަގަޅުގޮތުގަބޭނުންހިފާކައް

ގުޅުން ހުރި
Loading...