މުގާބޭ އަވަހާރަވުމުން އަނބިކަނބަލުންނަށް ޖަލު ބަންދެއްގެ ބިރު ބޮޑުވެއްޖެ

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވުމުން އަނބިކަނބަލުން ގްރާސް ހައްޔަރުކޮށް، އޭނާގެ މައްޗަށް ބޮޑު ތަޙްޤީޤެއް ހިންގަފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މުގާބޭގެ ހުވަފަތް އަނބިކަނބަލުން ގްރާސް ގެންދަވަނީ ޖަލު ބަންދުން ސަލާމަތް ވުމަށް ޒިމްބާބްވޭގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރަމުންނެވެ.

މުގާބޭގޭ ޖަނާޒާއަށް އޭނާ ޒިމްބާބްވޭއަށް ވަޑައިގެންނެވި ނަމަވެސް ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ޒިމްބާބްވޭ ސަރުކާރުން ދެއްވާފައިވީ ނަމަވެސް ސަރުކާރުގެ އޮފިޝަލަކާއި ހަވާލާ ދެއްވައި މީޑިއާތަކުގައި ބުނެފައި ވަނީ ގްރާސްގެ އަމިއްލަ ބޭނުމަށް ދައުލަތުގެ ފައިސާ ޚަރަދު ކުރެއްވި މައްސަލަ ތަޙްޤީޤު ކުރުން އެކަށީގެންވާ ކަމަށެވެ.

ގްރާސްގެ އަމިއްލަފުޅު އެކައުންޓްތަކުގައި ދައުލަތުގެ އެތައް މިލިއަން ޑޮލަރެއް ހުރި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. މުގާބޭ އާލާސްކަންފުޅާއި އުޅުއްވަން ފެއްޓެވި ފަހުން މިދިޔަ އޭޕްރީލް މަހުން ފެށިގެން ގްރާސް ދިރިއުޅުއްވަމުން ގެންދަވަނީ ސިންގަޕޫރުގައެވެ.

މިދިޔަ ހުކުރު ދުވަހު މުގާބޭ އަވަހާރަވުމުން ޒިމްބާބްވޭ އިން ތައްޔާރުވަމުން ދަނީ އޭނާގެ ހަށިގަނޑު އެގައުމަށް ގެންދިއުމަށެވެ.

މުގާބޭ ގްރާސް އާއި ކައިވެނި ބައްލަވައިގެންނެވީ 1996 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ވަނީ ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައެވެ. މުގާބޭގެ ފުރަތަމަ އަނބިކަނބަލުން ސަލީ އާއި ކައިވެނި ބައްލަވައިގެންނެވީ 1961 ވަނަ އަހަރުއެވެ. އެކަމަނާ ވަނީ 1992 ވަނަ އަހަރު އަވަހާރަވެފައެެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...