އިސްރާއީލް ސިފައިން ފަލަސްތީނުގެ ދެ ކުދިން ޝަހީދުކޮށްލައި، 76 މީހަކު ޒަޚަމް ކޮށްލައިފި

އިސްރާއީލާއި ފަލަސްތީނު ގުޅޭ ސަރަހައްދުގައި ޣައްޒާގެ ރައްޔިތުން ކުރަމުންދާ މުޒާހަރާ އާއި ދެކޮޅަށް އިސްރާއީލް ސިފައިން ބާރުގެ ބޭނުންކޮށް، ދެ ކުޑަކުދިން ޝަހީދުކޮށްލާ 76 މީހަކު ޒަހަމު ކޮށްލައިފިއެވެ.

މި މުޒާހާރާގައި ފަލަސްތީނުގެ ހަ ހާހަށްވުރެ ގިނަ ރައްޔިތުން ބައިވެރި ވެފައި ވާއިރު، އިސްރާއީލު ސިފައިން ބަޑިން ދިން ހަމަލާތަކުގައި އުމުރުން 14 އަހަރުގެ ހާލިދް އަލް ރައްބު ކިޔާ ކުއްޖަކާއި 17 އަހަރުގެ އަލީ ސަމީ އަލް އަކްޝަރު ވަނީ ޝަހީދު ވެފައެވެ.

މި ހަމަލާ ތަކުގައި ފަލަސްތީނުގެ 76 މުސްލިމަކު ޒަޚަމް ކޮށްލާފައިވާއިރު އޭގެ ތެރެއިން 46 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ޣައްޒާގެ ރައްޔިތުން މެދުނުކެނޑި ކޮންމެ ހަފްތާއަކުވެސް މުޒާހަރާ ކުރާތާ މިހާރު ވަނީ 73 ހަފްތާ ވެފައެވެ.

އިއްޔެގެ މުޒާހަރާގައި އިސްރާއީލް ސިފައިންނާއި ދެކޮޅަށް ޣައްޒާ ރައްޔިތުން އަލިފާން ބޯޅަ އާއި އަތު ބޮމުގެ އިތުރުން އަމިއްލައަށް ހަދާފައިވާ ގޮވާ ތަކެތިވެސް ބޭނުން ކޮށްފައި ވާއިރު، އެކަން ކޮށްފައި ވަނީ އިސްރާއީލް ސިފައިން ހަމަލާ ދޭން ފެށުމުންނެވެ.

ސުލްހަވެރި ކަމާއިއެކު ފަލަސްތީނު ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކަށް އަބަދުވެސް އިސްރާއިލް ސިފައިން ބާރުގެ ބޭނުން ކުރާއިރު، މިދިޔަ ހަފްތާގެ މުޒާހަރާގައިވެސް ޣައްޒާ ރައްޔިތަކު ވަނީ ޝަހީދު ކޮށްލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...