ބްރެޒިލް އާއި ކޮލަމްބިއާ ބައްދަލުކުރި މެޗް އެއްވަރުވެއްޖެ

ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ކޮލަމްބިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.

މިއާމީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ބްރެޒިލްއެވެ. ފުރަތަމަ ހާފްގެ 19 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބްރެޒިލް އަށް ލީޑް ހޯދައިދިނީ މިޑްފީލްޑަރު ކަސެމީރޯއެވެ. ނަމަވެސް ބްރެޒިލް އަށް ލީޑުގައި ހިފަހައްޓާ ލެވުނީ ކުޑަ އިރުކޮޅަކުއެވެ.

ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮލަމްބިއާގެ ލުއިސް މޫރިއެލްއަށް ޑިފެންޑަރު އެލްކްސް ސަންޑްރޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް މޫރިއެލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެލަނޑަށްފަހު ބްރެޒިލް އަށް ވަނީ ކައިިރިކައިރީގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެވަޓަން އަށް ކުޅެމުން އަންނަ ރިޗާލިސަން ފޮނުވާލި ދެ ހަމަލާވެސް ކޮލަމްބިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ބްރެޒިލް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ކޮލަމްބިއާ އިން ވަނީ ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ އެޓީމް ކޮޅަށް އަނބުރާލާފައެވެ. އެ ލަނޑު ވެސް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލުއިސް މޫރިއެލްއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލް އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާ އެއްގެ ގޮތުން 58 ވަނަ މިނެޓުގައި ހުނަރުވެރި މިޑްފީލްޑަރު ފިލީޕޭ ކުޓީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ނޭމާ ވަނީ ލަނޑެއް ޖަހައި މެޗުގެ ހަމަހަމަކޮށްދީފައެވެ.

އަނިޔާއަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސް ޓީމާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސާ އަށް ބަދަލުވާން މަސަތްކަތް ކުރި ނޭމާ ހުރީ މިދިޔަ ޖުލައި މަހުން ފެށިގެން އަނިޔާގައެވެ. އަނިޔާގެ ސަބަބުން އަމިއްލަ ފަސްގަނޑުގައި މި އަހަރު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުޞަތުވެސް ނޭމާއަށް ވަނީ ގެއްލިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...